ގުޖުރާތު ބަލިކޮށް ބެންގަލޫރު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލަށް

ހިމާޗަލް ޕްރަދޭޝް، ދަރަމްޝާލާ (މެއި 27) - ކޮލިފަޔާ އެއް ވަނަ މެޗުގައި 92 ލަނޑުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލަށް ދަތުުރުކޮށްފި އެވެ. 
މިއީ، ބެންގަލޫރުން، އައިޕީއެލް ފައިނަލުގައި ކުޅޭ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ފުރަތަމަ ތިން ފަހަރު ފައިނަލުން ބަލިވި ނަމަވެސް މިދިޔަ އަހަރު ވަނީ 18 ވަނަ ސީޒަނުގައި ފުރަތަމަ ފަހަރަށް ތަށި ހޯދައިފަ އެވެ. އައިޕީއެލް ފައިނަލުގައި، 2009، 2011 އަދި 2016 ވަނަ އަހަރު ބަލިވި ބެންގަލޫރުން މިދިޔަ އަހަރު ފައިނަލުގައި ވަނީ ޕަންޖާބް ކިންގްސް ބަލިކޮށް ތަށި އުފުލާލައިފަ އެވެ. 
މި ފަހަރުގެ އައިޕީއެލް ސީޒަނުގައި ލީގު ބުރުގެ އެއް ވަނަ ހޯދައި، ލީގު ބުރުގެ ދެ ވަނަ ގުޖުރާތާ ދެކޮޅަށް ކޮލިފަޔާ 1 ގައި ކުޅެ، ބެންގަލޫރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ގޮތުން، ގުރުއަތު ދިމާވުމުން  ގުޖުރާތުން މި މެޗުގައި ނިންމީ ހޮވާށެވެ. 
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކުޅެން އަަރައި، ބެންގަލޫރުން 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 254 ލަނޑު ހެދި އެވެ. މިއީ، އައިޕީއެލްގެ ތާރީހުގައި ޕްލޭއޮފެއްގެ އެންމެ ރަނގަޅު ސްކޯ އެވެ. 
ބެންގަލޫރުން ކުޅެން އެރި ފުރަތަމަ ބެޓްސްމަން ޕާޓްނަޝިޕްގެ ވެންކަޓޭޝް އަޔަރު (ވެންކީ) އާއި ވިރާތު ކޯލީ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވެންކީ ނުބައިވީ ހަތް ބޯޅައިން 19  ލަނޑަށެވެ. ވިރާތު ނުބައިވީ 25 ބޯޅައިން 43 ލަނޑަށެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ބެންގަލޫރުގެ ކެޕްޓަން ރަޖަތު ޕަތީދާރު އެވެ. އޭނާ ވަނީ ނުބައިނުވެ 33 ބޯޅައިން 93 ލަނޑު ހަދައިފަ އެވެ. 
ޖަވާބުގައި ކުޅެން އަރައި، ގުޖުރާތަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފުރަތަމަ ހަ އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިއަކު ނުބައިވިއިރު، އެ ޓީމުގެ އެންމެ ރަނގަޅު ބެޓްސްމަނުން ކަމަށްވާ ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އާއި ސައި ސުދަރްސަން އަދި ޖޯޝް ބަޓްލާ އަށް މިއީ ދަށް އިނިންސް އެކެވެ. ސުދަރްސަން އަމިއްލަ އަށް ނުބައިވިއިރު، ހެދުނީ ނުވަ ބޯޅައިން 14 ލަނޑެވެ. ގިލް ނުބައިވީ ހަތް ބޯޅައިން ދެ ލަނޑަށެވެ. އަދި، ބަޓްލާ އަށް ހެދުނީ 11 ބޯޅައިން 29 ލަނޑެވެ. 
މި އިނިންސްގެ ފަހު ކޮޅުގައި، ބެންގަލޫރުން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް، ގުޖުރާތުގެ ރާހުލް ތެވަތިއާ ވަނީ ހިތްވަރު ދައްކައިފަ އެވެ. އޭނާ ނުބައިވީ 43 ބޯޅައިން 68 ލަނޑަށެވެ. މިއީ، އައިޕީއެލްގައި އޭނާ ހާފް ސެންޗަރީއެއް ފުރިހަމަކުރި ދެ ވަނަ ފަހަރެވެ. އެ ގޮތުން، 19.3 އޯވަރުގައި ގުޖުރާތުގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 162 ލަނޑެވެ. 
މި މެޗުން ބަލިވި ނަމަވެސް ގުޖުރާތަށް އަދި ފައިނަލުގެ ފުރުސަތު އެބައޮތެވެ.  އެއީ، މާދަމާ ކުޅޭ އެލިމިނޭޓާ މެދުގައި، ސަންރައިޒާސް ހައިދަރުއާބާދާއި ރާޖަސްތާން ރޯޔަލްސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް ހުކުރު ދުވަހުގެރޭ ކޮލިފަޔާ 2 ގައި ކުޅޭ މެޗުން މޮޅުވެގެންނެވެ. ފައިނަލް މެޗު އޮތީ އާދިއްތަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ