އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކުރުން: ރައީސް

އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބުގައެވެ.
ރައީސް ހިތާބުގައި، ބަރަކާތްތެރި އަޟްޙާ ޢީދު މިންވަރު ކުރެއްވިކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ވަޑައިގެންނެވި ލޮބުވެތި އަޚުންނާއި އުޚުތުންވެސް ހިމެނޭހެން، ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ.
އަޟްޙާ ޢީދަކީ، މާތްﷲ ވަރަށް މުހިންމު ޢިބްރަތްތަކެއް އަދި ޙިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒުކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭކަމުގައި ވިދާޅުވެފައިވެއެވެ.
އަދި މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި، ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައިވަނީ މި ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުމަށާއި މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓުމަށް އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.
‏ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސް ވަނީ ސޯޝަލް މީޑިއާގައިވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރައްވަމުން ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދިވަޑައިގެން ހެޔޮ ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ