4 ރަށެއްގެ ހަރުގޭގައި ވޯޓު ފޮށި ބަހައްޓާތީ، އިންސާފު ގެއްލޭ ކަމަށް ވިދާޅުވެ މީކާއީލްގެ ކަންބޮޑުވުން

އަންނަ ހުކުރު ދުވަހު އޮންނަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށް ވިދާޅުވެ، ޝަކުވާއެއްގެ ގޮތުގައި މީކާއީލް ވަނީ އެކަން ހުށަހަޅުއްވާފައެވެ. އެ ސިޓީގައިވާ ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ: ފ. ފީއަލި ލ. އިސްދޫ-ކަލައިދޫ ލ. މަތިމަރަދޫ ގއ. ވިލިނގިލި މީކާއީލް ލިޔުއްވައިފައިވާ ގޮތުގައި، ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. https://x.com/MickailNaseem/status/2063914227002450211 އޭނާ ވަނީ ފ. ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުން 'ގަނޑުކޮށް' ވޯޓު އަޅާނެ ކަމަށް ފާޅުގައި ބުނެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. ކަން އެހެން އޮއްވާ، ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި މީކާއީލް ވަނީ ސިފަކުރައްވާފައެވެ. އެހެންވެ، އެކަން އިސްލާހުކޮށް، އެ ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތައް އެ ރަށްރަށުގެ ސްކޫލުތަކުގައި ބެހެއްޓޭނެ ގޮތް ހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރެއްވީ އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. ނަމަވެސް، އޭނާ ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވާފައެވެ. ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ