ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަން ގަވާއިދެއް، ހިލާފުވެއްޖެ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ

ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ހިމަނައިފި އެވެ. 
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކުލަވާލި އެ ގަވާއިދަކީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ. 
އެ ގަވާއިދުގެ މަގްސަދަކީ ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވުމާއި ފިޔަވަޅު އެޅުމެވެ. 
އެ ގަވާއިދު ތަންފީޒުކުރަން ޖެހެނީ މިނިސްޓްރީންނާއި އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީންނާއި ކަސްޓަމްސް އިންނެވެ. 
ގަވާއިދުގައި ބުނީ ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށް އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ. 
އެ ޕްލޭން އެކުލަވާލަން ވާނީ ޕްލޭނުގައި ހިމެނޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓާއި އިގްތިސާދަށް ކުރާނެ އަސަރަށް ރިއާޔަތް ކުރުމަށް ފަހު، ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ އެކުގަ އެވެ. ޕްލާނުގައި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެން ހުރި މިންވަރަށް ރިއާޔަތްކުރަންޖެހެ އެވެ. އަދި އެކަމަށް ހޭލުންތެރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީން ރާވައި ހިންގަން ވާނެ ކަމަށް ބަޔާންކުރެ އެވެ. 
ރައީސް ގަރާރުން މަނާކުރާ ޕްލާސްޓިކް ކޮތަޅުގެ ތެރެއިން އެފަދަ އެއްޗެއް އެތެރެކުރާ މަރުހަލާ އާއި ބާޒާރަށް ނެރޭ މަރުހަލާގައި އެފަދަ ތަކެއްޗަކީ މަނާ ބާވަތުގެ އެއްޗެއްކަން ކަށަވަރުކުރުމަށް ކޮތަޅުގެ ދިގުމިނާއު ފުޅާ މިން ދެނެގަތުމަށްޓަކާ ކޮތަޅު މިންކުރާނެ ގޮތުގެ އުސޫލެއް ވެސް ވަނީ ހިމަނައިފަ އެވެ. 
ކޮތަޅުގެ ސައިޒް މިންކުރުމުގައި ކޮތަޅުގެ ބޯމިން ދެނެގަތުމަށް އެ ކޮތަޅު މިންކުރާނީ ކޮތަޅުގެ އެ ފުށުގެ ބޯމިނުންނެވެ. އަދި ކޮތަޅުގެ އެއް ފުށުގެ ބޯމިންކަމުގައި ބެލެވޭނީ ކޮތަޅުގެ ކޮންމެވެސް ހަތަރު ތަނަކުން މިންކުރުމަށް ފަހު އެ އަދަދުތަކުގެ އެވަރެޖް އަދަދަށެވެ. މިގޮތަށް މިންކުރުމުގައި ކޮތަޅުގެ އަތްގަނޑާއި ކަންކަނާއި އަރިމައްޗެއް ނުހިމެނޭނެ އެވެ. 
ގަވާއިދުގައި ބުނީ ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުންކުރާ އާލާތަކީ މައިކްރޯނުން މިންކުރުމަށް ބޭނުންކުރާ ފަދަ ހާއްސަ އާލަތަކަށްވާންޖެހޭނެ އެވެ.
 
އެ ގަވާއިދުގައި ވަނީ ސިންގަލް ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް އެތަކެތި އުފައްދާ އަދި ބާޒާރަށް ނެރޭ ތަންތަނާއި ބަލައިފާސްކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެ އެވެ. އަދި އެތަންތަން ޗެކްކޮށް އެކުލަވާލައި ރިޕޯޓަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެ އެވެ.
އެ ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ އެވެ. އަދި ދެވަނަ ފަހަރާއި އޭގެ ފަހުން ގަވާއިދާ ހިލާފުވުން ތަކުރާރުކޮށްފި ކަމުގައިވާ ނަމަ އެކަމެއް ތަކުރާރުނުކުރުމަށް ނަސޭހަތްރެރިވުމުގެ އިތުރުން އެތެރެކޮށްފައިވާ އެއްޗެއް ނުވަތަ އުފައްދާފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެހީގެ އަދަދަށް ބަލައި، ކޮންމެ އެއްޗަކަށް 150ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ އެވެ. 
އެ މާއްދާގެ ދަށުން ޖޫރިމަނާގެ އަދަދު 100،000ރ. އަށް ވުރެ ގިނަވެގެން ނުވާނެ އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ