މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ޑައިވިން އާއި ބޯޓިން ތަޖުރިބާތައް އިޝްތިހާރުކޮށްފި

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުންނަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރު (މައިޓެކް)ގައި ބޭއްވި 20 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެމްއައިޑީއީ) 2026ގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ބައިވެރިވެއްޖެއެވެ. އެންބީއޭއެމްއިން ބުނި ގޮތުގައި، ހުކުރު ދުވަހު ފެށި އެ އެކްސްޕޯ މިއަދުގެ ނިޔަލަށް ކުރިއަށްގެންދާއިރު، އެ އެކްސްޕޯއަކީ އޭޝިއާގައި ފުޅާވަމުން އަންނަ މާކެޓަށް ރާއްޖެ ސީދާކޮށް އިޝްތިހާރު ކުރުމަށް އެންބީއޭއެމްއަށް ލިބުނު މުހިންމު އިސްތިރާޖީ ފުރުސަތެކެވެ. އެގޮތުން މުޅި ދުނިޔެއަށް މަޝްހޫރު ކަނޑުފަޅުގެ ފަތުރުވެރިކަމާއި، ލިވްއެބޯޑް (ސަފާރީ) ތަޖުރިބާތަކުގެ އިތުރުން ޑައިވިން ދާއިރާ، ސީދާ ގޮތެއްގައި އިޝްތިހާރު ކުރުމަށް ފުރުސަތު ލިބުނު ކަމަށް އެންބީއޭއެމްއިން ބުންޏެވެ. އެ އެސޯސިއޭޝަނުން ބުނީ، ދަތުރުފަތުރުގެ ބޭނުންތަކާއި ޑިމާންޑްތަކަށް ހަލުވި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅަކީ، އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ފުރިހަމަ މަންޒިލްގެ ގޮތުގައި ޔަގީންކޮށްދޭންވީ ވަގުތު ކަމަށެވެ. އެންބީއޭއެމްއިން ބުނި ގޮތުގައި އެ އެސޯސިއޭޝަނާއި "ބޯޓިން މޯލްޑިވްސް"ގެ ބްރޭންޑްގެ ދަށުން އެ ހަރަކާތުގައި ބައިވެރިވާ ވަފުދުން ދަނީ ސަރަހައްދީ ޓުއާ އޮޕަރޭޓަރުންނާއި، ޑައިވިންއަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން ކަނޑުގެ ތަފާތު ތަޖުރިބާތައް ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށް، ދިވެހި ކަނޑުފަޅުގެ މުއްސަނދިކަމާއި ހިތްގައިމުކަން ހާމަކޮށްދެމުންނެވެ. އެކަމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ، މިހާރު މި ސަރަހައްދުތަކުގެ މެދުގައި އޮތް ދަތުރުފަތުރުގެ ފަހި ގުޅުން ކަމަށް އެންބީއޭއެމްއިން ބުންޏެވެ. އެގޮތުން މެލޭޝިއާގެ ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ފަސޭހަ، ސީދާ ދަތުރުތަކުގެ ސަބަބުން ދަތުރުފަތުރުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ވަނީ އިންތިޒާމުވެފައި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެންބީއޭއެމްއިން މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖެއަކީ ހަމައެކަނި އަގުބޮޑު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ބަދަލުގައި، މިއީ ދެކުނު އިރުމަތީ އޭޝިއާ އާއި މުޅި އޭޝިއާ ބައްރުގެ ފަތުރުވެރިންނަށް ފަސޭހައިން އާދެވޭނެ، ދުނިޔޭގެ ފެންވަރުގެ ޑައިވް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަމުންނެވެ. އެންބީއޭއެމްގެ ފަރާތުން އެކްސްޕޯގައި ހުރި މަންދޫބަކު ބުނީ، އެމްއައިޑީއީ 2026 ގައި ބައިވެރިވުމުން، ޑައިވިންއަށް ލޯބިކުރާ އަދި މި ދާއިރާއަށް ޚަރަދުކުރާ މަތީ ފަންތީގެ ފަރާތްތަކާ ސީދާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. "ދެ ގައުމުގެ ދެމެދުގައި އޮތް ކައިރިމިނާއި، ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމުގެ ސަބަބުން، މިއީ އޭޝިއާ މާކެޓުން ރާއްޖޭގެ ބޯޓިން އަދި ޑައިވް ދާއިރާއަށް ކުރިއެރުން ހޯދުމަށް ލިބޭ އެންމެ ފަހި ފުރުސަތު." އޭނާ ބުންޏެވެ. އެންބީއޭއެމްއިން ބުނީ، އެމްއައިޑީއީ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އެކްސްޕޯތަކުގައި މެދުނުކެނޑި ބައިވެރިވުމުގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާޢަތް އިތުރު ހަރުފަތަކަށް އުފުލައިދީ، ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކޮށް، ކަނޑުއަޑީގެ ރީތިކަން ބަލާލުމަށް ދުނިޔޭގައި އޮތް އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ