ޕެނަލްޓީ ޖަހައިގެން 4-3 ން ޖަރުމަނު ބަލިކޮށް ޕެރަގުއޭއިން، ވޯލްޑް ކަޕްގެ ގަދަ 16 އިގެ ބުރަށް ދަތުރުކޮށްފި އެވެ.
ދެވަނަ ބުރުގެ މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާއަކަށް ބަދަލެއް ނާދެ އެވެ.
އެމެރިކާގެ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ޕެރަގުއޭއިން ލީޑްނަގައި ޔޫރަޕްގެ ގަދަބާރު ޖަރުމަނުގެ މައްޗަށް ކުރިހޯދި އެވެ.
މެޗުގެ 42 ވަނަ މިނެޓުގައި މިގޭލް އަލްމިރޯން ތަނަވަސްކޮށްދިން ފުރުސަތަކުން، މަޓިއަސް ގަލާރްޒާ ނަގައިދިން ހުރަސް ހޫލިއޯ އެންސިސޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ހަމަލާ ހުއްޓުވުމަށް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށުނުތާ ކައިރީގަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް އަރިމަތިން ހުރަސްކޮށްލި ބޯޅަ، ކައި ހަވާޓްޒް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ފަހުކޮޅު ޖަރުމަނުން މޮޅުވި ކަމަށް ހީކުރެވުނެވެ. އެ ޓީމުގެ ޖޮނަތަން ތާ ގޯލެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމައިފަ އެވެ.
އިތުރު ވަގުތުގެ ދެ ހާފަށް ޕެރަގުއޭއިން ވަނީ ވަގުތުން ޑިފެންސިވް ބަދަލުތަކެއް ގެނެސްފަ އެވެ. މުޅި ޓީމު ފަހަތަށް ޖެހިގެން ވަރުގަދަ އަށް ޑިފެންސް ކުރަން ފެށި އެވެ.
އިތުރު ވަގުތުގެ ދެ ހާފުގެ ގިނަ ވަގުތު ބޯޅަ ފެނިގެންދިޔައީ ޕެރަގުއޭގެ ހާފު ތެރޭގަ އެވެ. ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރި އެވެ. ޕެރަގުއޭގެ އޭރިއާ ތެރޭގައި ނުރައްކާތެރި ގިނަ ފުރުސަތުތަކެއް އެ ޓީމުން އުފެއްދި އެވެ.
މި މެޗުގައި ޕެރަގުއޭ ސަލާމަތްކޮށްދިނީ އެ ޓީމުގެ ކީޕަރު އޮރްލާންޑޯ ގިލް އެވެ. އޭނާ ވަނީ ޖަރުމަނުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީ ޖަރުމަނުގެ ކައި ހަވާޓްޒް ފޮނުވާލުމުން ކީޕަރު އޮރްލާންޑޯ ގިލް ދިފާއު ކުރި އެވެ. އޭގެ ފަހުން ޕެރަގުއޭގެ މައުރީސިއޯ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް 1-0 ގެ ކުރިއެރުމެއް ހޯދައިދިނެވެ.
ދެވަނަ ޕެނަލްޓީ ޖަރުމަނުގެ ޖޯޝުއާ ކިމިޗް އަދި ޕެރަގުއޭގެ ގުސްޓާވޯ ގޯމޭޒް ވެސް ވަނީ އެ ދެ ކުޅުންތެރިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ. މިއާއެކު ޕެރަގުއޭ 2-1 ން ކުރީގައި އޮތެވެ.ތިންވަނަ ޕެނަލްޓީ ޖަރުމަނުގެ ޖަމާލް މުސިއާލާ ޕެނަލްޓީ ވައްދާލައި ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ޕެރަގުއޭގެ ތިންވަނަ ޕެނަލްޓީ މަޓިއަސް ގަލާރްޒާ ޕެނަލްޓީ ވައްދާލައި އަލުން 3-2 ން ޕެރަގުއޭއަށް ލީޑު ހޯދައިދިނެވެ.
ހަތަރުވަނަ ޕެނަލްޓީ ޖަރުމަނުގެ ނިކް ވޮލްޓެމޭޑް ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއުކުރި އެވެ. ޕެރަގުއޭގެ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ފަސްވަނަ ޕެނަލްޠޯ ޖަރުމަނުގެ ނަޑީމް އަމީރީ ވައްދާލައި ނަތީޖާ ހަމަހަމަކުރި އެވެ. ލީޑުގައި އޮވެ މެޗުން މޮޅުވާން ޕެރަގުއޭގެ ފަބިއާން ބަލްބުއޭނާއަށް ލިބުނު ފުރުސަތު ނާކާމިޔާބުވީ އޭނާގެ ޕެނަލްޓީ ކީޕަރު ނޯޔާ ދިފާއުކުރުމުންނެވެ.
މެޗުގެ ނަތީޖާ ޖަރުމަނު ކޮޅަށް އަނބުރާލަން ދެން ފުރުސަތު ލިބުނު ޕެނަލްޓީ ޖޮނަތަން ޓާ އަށް ޖެހުނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އޭގެ ފަހުން ޕެރަގުއޭގެ ޑިފެންޑަރު ހޯސޭ ކަނާލޭ ވަނީ ތާރީހީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، 4-3 ން ޖަރުމަނުގެ މައްޗަށް ކުރިހޯދައި ޕެރަގުއޭ ގަދަ 16 ގެ ބުރަށް ގެންގޮސްދީފަ އެވެ.
އެ ބުރުގައި ޕެރަގުއޭ ވާދަކުރަން ޖެހޭނީ، ފްރާންސް ނުވަތަ ސްވިޑެންގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
ކަނާލޭގެ ތާރީހީ ޕެނަލްޓީއާ އެކު ޕެރަގުއޭއިން ޖަރުމަނު މުބާރާތުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ