ޚާމަނާއީ ފަސްދާނުލެއްވުމުގެ ރަސްމިއްޔާތަށް މިލިއަނުން މީހުން ޖަމާވަނީ

އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބްރުއަރީ މަހު ދިން ވަރުގަދަ ހަމަލާތަކެއްގެ އަވަހަރާވި އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ފަސްދާނުލެއްވުމުގެ ރަސްމިއްޔާތުތަކާއި ގައުމީ ހިތާމައިގެ ދުވަސްތައް އިރާނުގައި ރަސްމީކޮށް ފަށައިފި އެވެ.
މީގެ ހަތަރު މަސް ކުރިން އަވަހާރަކޮށް ޚާމަނާއީގެ  ޖަނާޒާ މި ބޭއްވެނީ ހަނގުރާމަ ހުއްޓާލުމަށް ފަހު އެމެރިކާ އާއި އިރާނުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިއީ "ގަރުނުގެ ޖަނާޒާ" ގެ ނަމުން ނަންދީފައިވާ ބޮޑު ރަސްމިއްޔާތެކެވެ.
އިރާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ޖަނާޒާގައި 12 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ އެވެ. ހަ ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ރަސްމިއްޔާތުތައް ހޮނިހިރު ދުވަހުގެ ހެނދުނު ތެހެރާންގެ އިމާމް ޚުމައިނީ މިސްކިތުގައި ފެށޭނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެ އެވެ. އާންމުންނަށް އާދިއްތަ ދުވަހުގެ މެންދުރުފަހާ ހަމައަށް ޚާމަނާއީއަށް ފަހުގެ އިހުތިރާމް އަދާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޚާމަނާއީގެ ހަށިކޮޅާއެކު، ފެބްރުއަރީ މަހުގެ ހަމަލާތަކުގައި އަވަހާރަވި އެމަނިކުފާނުގެ އާއިލާގެ މެންބަރުންގެ ހަށިކޮޅުތައް ވެސް ޚާމަނާއިގެ ހަށިކޮޅާއެކު އިމާމް ޚުމައިނީ މިސްކިތުގައި ބޭއްވޭނެ އެވެ. 
ޖަނާޒާއާ ގުޅިގެން ތެހެރާންގެ ސަރުކާރުގެ އަދި އަމިއްލަ އޮފީސްތައް ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ސިޓީގެ މަރުކަޒީ ސަރަހައްދުތަކުގައި ޓްރެފިކް ބަންދުކޮށް، ވައިގެ ސަރަހައްދު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
އަންގާރަ ދުވަހު މި ރަސްމިއްޔާތުތައް ގޮމް ސިޓީއަށް ބަދަލުކުރެވޭނެ އެވެ. އެ ސިޓީގެ ޖަމްކަރާން މިސްކިތުގައި ކަށުނަމާދު ކުރުމަށް ފަހު، ބުދަ ދުވަހު ހަށިކޮޅު އިރާގުގެ ނަޖަފް އަދި ކަރްބަލާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 
ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އޭނާ އުފަންވި މަޝްހަދު ސިޓީގަ އެވެ. މި ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
ޚާމަނާއީ އަވަހާރަވުމުން، އޭނާގެ މަގާމަށް މިހާރު އިސްކުރެވިފައިވަނީ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގަތް ފަހުން މުޖްތަބާ އަދި އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައި ނުވާތީ، މި ޖަނާޒާގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ޖަނާޒާ އިންތިޒާމުކުރާ ކޮމިޓީން ބުނެފައިވަނީ މުޖްތަބާ ވަޑައިގަތުމާ މެދު ވަރަށް އަވަހަށް ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ. އިރާނުގައި މި ހިތާމައިގެ ހަރަކާތްތައް 40 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ