މާލޭ ތޮއްޖެހޭ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ ދިރާސާއެއް ފަށައިފި
މާލެ ސިޓީގެ ތޮއްޖެހޭ މައްސަލަ ހައްލުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިނގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. ސިޓީ ކައުންސިލުން ވަނީ މި ދިރާސާއަކީ މާލޭގެ ދަތުރުފަތުރުގެ ހާލަތު ދެނެގަނެ ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ދިރާސާއެއް ކަމަށް ބުނެފައެވެ. އެގޮތުން ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. މި މަޝްރޫއާ ގުޅޭ ގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޝެކްޝަން ޗީފް ކެޓްރިން ލޫގާ ވަނީ މޭޔަރު އާޒިމާއެކު ރަސްމީ ބައްދަލުވުމެއް ނިމުނު އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ބާއްވާފައެވެ. ސިޓީ ކައުނސިލުން ބުނީ މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުން ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި މި ދިރާސާގެ ތެރެއިން މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ މީހުން ގެންގުޅޭ އުޅަނދު ފަހަރުގެ އަދަދާއި، އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ. އޭގެ މަގްސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުން ކަމަށް ކައުންސިލުން ބުނެއެވެ. މި މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައި ވާއިރު، އެ މުވައްޒަފުން ވަނީ 1،000 އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަޙައްދުން މައުލޫމާތު އެއްކޮށްފައެވެ. މި ދިރާސާއިން ލިބޭ ނަތީޖާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޚާއްސަ ސްޓޭކްހޯލްޑާ މީޓިންއެއް ބޭއްވުމަށް ވެސް މިހާރު ވަނީ ތާވަލުކުރެވިފައިވާ ކަމަށާއި އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 20 އިން 21 އަށް މީރުމާ ހޮޓެލްގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ