ޕެރިސް (މެއި 31) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީން ދިފާއު ކުރުމުން، އުފާފާޅުކުރުމުގެ ނަމުގައި އަނެއްކާ ވެސް ޕެރިހުގެ މަގުތައް މަތީގައި ހުޅުޖަހައި ހަމަނުޖެހުން އުފައްދައިފި އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން 416 މީހުން ހައްޔަރު ކޮށްފައި ވާކަމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ގައުމުގެ ވެރިރަށް ޕެރިހުގައި ބަހާއި ރޭލު ފަދަ އާއްމު ދަތުރުފަތުރަށް ބުރޫ ނާރާނެހެން މަގުތަކުގެ އަމާންކަން ދަމަހައްޓަން އެތައް ހާސް ފުލުހުންނެއް ހަރަކާތްތެރިވި އެވެ.
އުފާފާޅުކުރަމުން ދިޔަ ސަޕޯޓަރުން ވަނީ މަގުތަކުގައި ބަޑިބޭސް ބޭނުންކޮށް، މަގުތަކުގައި ހުރި ގިނަ އުޅަނދުތަކެއްގައި އަލިފާން ރޯކޮށް ގެއްލުން ދީފަ އެވެ. އަދި ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި ހަ އުޅަނދަކާއި ދެ ވިޔަފާރިއަކަށާއި އާއްމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބަހަކަށް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.
މިކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ހަތް އޮފިސަރަކަށް އަނިޔާވި އެވެ. ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލައުރެން ނޫނޭޒް ވަނީ މިކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ފުލުހުން ވަނީ ޕީއެސްޖީ ސަޕޯޓަރުންގެ މި އަމަލުތައް ހުއްޓުވަން ކަރުނަ ގޭސް ބޭނުން ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ޕީއެސްޖީ މޮޅު ވުމުން ވެސް އެ ޓީމުގެ ސަޕޯޓަރުން ވަނީ މިފަދަ އަނިޔާވެރި އެތައް އަމަލުތަކެއް ހިންގައިފަ އެވެ.
މިދިޔަ އަހަރު ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވި އެވެ. އަދި 192 މީހަކަށް އަނިޔާވި އެވެ. ޖުމުލަ 264 އުޅަނދެއްގައި ހުޅު ޖެހި އެވެ. އެ ހަމަނުޖެހުންތަކުގައި 559 މީހަކު ހައްޔަރު ކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭން އެކަކަު ސައިކަލެއްގައި ދަތުރު ކުރި 23 އަހަރުގެ މީހެއް ގައިގައި އެހެން އުޅަނދަކުން ޖައްސައިގެންނެވެ. ދެން މަރުވި އުމުރުން 17 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވެފައި ވަނީ މެޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުންނެވެ.
އުފާފާޅުކުރުމުގެ ނަމުގައި ޕީއެސްޖީގެ ސަޕޯޓަރުން އަނެއްކާވެސް ހުޅުޖަހައިފި، 400 މީހުން ހައްޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ