މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ ނުވަ ކުއްޖަކަށް ރިސޯޓަކުން ތަމްރީނު ދީފި

މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދަމުން އަންނަ ކުދިންތަކަކަށް ރިސޯޓަކުން ޓޫރިޒަމާ ގުޅުން ހުރި މަސައްކަތްތަކުން ތަމްރީނު ދީފި އެވެ. މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތް ކުރާ ކުދިންނަށް ތަމްރީނު ދިނުމަށް ސްރީލަންކާގެ ޖޯން ކީލް ގްރޫޕާއި ނޭޝަނަލް ޑްރަގް އެޖެންސީ )އެންޑީއޭ( އާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ތަމްރީނު ދިނީ ނުވަ ކުއްޖަކަށެވެ. ރާއްޖޭގައި ތިން ރިސޯޓެއް އޮޕަރޭޓް ކުރަމުން ގެންދާ ސްރީލަންކާގެ ޖޯން ކީލްސް ހޯލްޑިންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ނިންމުން ޗާޔާ ދޮންވެލި ރިސޯޓުގައި މިއަދު ވަނީ ފާހަގަކޮށްފަ އެވެ. ފުޑް އެންޑް ބެވަރޭޖުގެ ދާއިރާ އާއި ހައުސް ކީޕީންގެ ދާއިރާއިން އެ ރިސޯޓުގައި ހިންގި މި ކޯހަކީ ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭ ކޯހެއް ކަމަށް އެ ރިސޯޓުން ބުނެ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން އަންނަ ގިނަ ޒުވާނުންތަކެއް ރާއްޖޭގައި ތިބިއިރު މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އެ ކުދިން ވަޒީފާގެ މާހައުލަށް ނުކުންނަން ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. "އެކްސްޕެންޑިން ހޮރިޒޮންސް" ގެ ނަމުގައި ޖޯން ކީލްއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނުވަ ކުއްޖަކު ފުރިހަމަކޮށްފައިވާއިރު، މިއީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން ގެންދާ މީހުންނަށް ރިސޯޓް ދާއިރާއިން ތަމްރީން ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ. މި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއާމަން ލުބްނާ ޒާހިރު ހުސެއިން ވިދާޅުވީ ފަރުވާ ހޯދާ މީހުން އަނބުރާ މަސްތުވާ ތަކެއްޗާ ދިމާލަށް ދާން ހުޅުވޭ ދޮރުތައް މި ޕްރޮގްރާމުގެ ސަބަބުން ބަންދުވެގެންދާނެ ކަމަށެވެ. "މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ރިހިބިލިޓޭޝަން ސެންޓަރުގައި ހުޅުވާލީ މި ޕްރޮގްރާމުގައި ބައިވެރިވާން ކުދިން ހޯދަން. އެގޮތަށް ހުޅުވާލުމުން ކުރިމަތިލި ކުދިން މި ޕްރޮގްރާމުގައި ބައިވެރިވީ. މި ޕްރޮގްރާމް ހިންގުމުގައި މި ރިސޯޓް ހިޔާރުކުރީ މި ރިސޯޓަކީ މާފުއްޓާ ވެސް ކައިރީގައި އޮންނަ ތަނަކަށް ވާތީ. އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތްތާނގައި ވެސް އިތުރު ރިސޯޓްތަކުން މި ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށް،" ލުބްނާ ވިދާޅުވި އެވެ. މި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ޗާޔާ ދޮންވެލި ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް އެ ރިސޯޓުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެ ރިސޯޓުގެ ވަޒީފާތަކަށް މުވައްޒަފުން ނަގާއިރު، އެ ކުދިންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ. "މި ކުދިންނަށް ވެސް މިހާރު އިންޓަވިއު އަށް އައިސް މިތަނުގެ ވަޒީފާތަކުގައި ބައިވެރިވާން ފުރުސަތު ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ