އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން "އިއްތިހާދު"ގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ. އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފުލައިޓް ރާއްޖެ އަށް ޖެއްސީ އިއްޔެ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް އިއްތިހާދުގެ ފުލައިޓް ޖެއްސުމުން ޖީއެމްއާރުގެ ފަރާތުން ވަނީ އިއްތިހާދު އެއާލައިނުން ރާއްޖެ އައި މީހުންނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އިއްތިހާދު އެއާލައިން ރާއްޖެ އަށް ދަތުރުތައް ކުރަން ނިންމާފައި ވަނީ އެއާބަސް އޭ 320ގެ މަތިންދާބޯޓުފަހަރުގައި އަބޫ ދާބީން ސީދާ މާލެ އަށެވެ. އައިއެންއައިއޭ އިން ބުނީ އިއްތިހާދު އެއާލައިނުން ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ރާއްޖެ އަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އައިއެންއައިއޭ އިން ބުނީ މި ދަތުރުތަކުގެ ސަބަބުން އަބޫ ދާބީން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހަފުތާއަކު 1،904 ސީޓް ލިބޭނެ ކަމަށެވެ. އިއްތިހާދުން ރާއްޖެ އަށް ދަތުރުކުރުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހަކު ވެސް މެންދުރު ރާއްޖެ އައިސް ހަވީރު ފުރާ ގޮތަށެވެ. އިއްތިހާދުން ބުނީ އެ ގޮތަށް ދަތުރު ރޭވުމުން ޔޫރަޕްގެ ޓޫރިސްޓުންނަށް މަތިންދާބޯޓުގައި ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ލިބި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އެއް ދުވަސް އިތުރުކުރެވޭނެ ކަމަށެވެ. ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ގޮތުން އިއްތިހާދު އެއާލައިނުން ވަނީ ހާއްސަ ޕެކޭޖްތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އެއީ ހަނީމޫން ހޭދަކުރަން ބޭނުންވާ މީހުންނާއި ޑައިވަރުންނާއި އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ޓޫރިސްޓުންނަށް ތައާރަފުކޮށްފައިވާ ޕެކޭޖުތަކެކެވެ. އިއްތިހާދު އެއާލައިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ވަރަށް މަގުބޫލު، ފެންވަރު ރަނގަޅު އެއާލައިނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ