އެޓޯލް އިންޓަ ސްކޫލް މުބާރާތާ ދިމާކޮށް ގައުމީ ފެންވަރުގެ އެތުލެޓިކްސް ކޯސްތަކެއް ބާއްވަނީ
އަންނަ މަހުގެ 4- 8 އަށް އައްޑޫ ސިޓީގައި ބާއްވާ 17 ވަނަ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތާ ދިމާކޮށް އެ ސަރަހައްދަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ އެތުލެޓިކްސް ކޯސްތަކެއް ބާއްވަން އެސޯސިއޭޝަނުން ނިންމައިފި އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސް މޫސާ ރަޝީދު (އެސްޕީ) ވިދާޅުވީ އެތުލެޓިކްސް ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުން ތަމްރީންކުރަން ބާއްވާ މި ކޯސް ބޭއްވުމުގެ ފުރުސަތު ބޮޑީ އައްޑޫގައި ކަމަށެވެ. "އަޅުގަނޑުމެން އަދި ސީދާ ވަކިތަނެއް ނުނިންމަން. ނަމަވެސް ފުރުސަތު ބޮޑީ އައްޑޫގައި ބޭއްވުމުގެ. ފުވައްމުލަކުގައި ބޭއްވުމުގެ ވިސްނުން އެބަހުރި،" އެސްޕީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯސް ބާއްވާނީ މުބާރާތް ފެށުމުގެ ކުރިން ކަމަށާއި 30 ފަރާތަކަށް ފުރުސަތު ދޭނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ދެކުނު އެތުލެޓިކްސް ފުޅާކުރަން. އެގޮތުން 30 ފަރާތަކަށް ކޯހުން ފުރުސަތު ދޭން ނިންމާފައިވަނީ،" އެސްޕީ ވިދާޅުވި އެވެ. މުބާރާތަށް އައްޑޫއިން ވަރަށް ބޮޑަށް ތައްޔާރު ވަމުން އަންނައިރު މުބާރާތާ ދިމާކޮށް ޓްރޭޑް ފެއާ އަކާއި އަދި ނައިޓް މާކެޓެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މުބާރާތް ނިމޭއިރު އައްޑޫގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ޔުނިޓެއް ގާއިމްކުރެވޭނެ ކަމަށް އެސޯސިއޭޝަނުގެ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ވަނީ ވިދާޅުވެފަ އެވެ. މިފަދަ ޔުނިޓެއް ހދ. ކުޅުދުށްފުށީގައި ގާއިމްކޮށްފައި ވާއިރު ކުރިއަށް އޮތްތަނުގައި ގދ. ތިނަދޫ އާއި ޏ. ފުވައްމުލަކުގައި ވެސް ޔުނިޓްތައް ހުޅުވޭނެ ކަމަށް އަލިބެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ