ޕާޓީތަކުގެ ބިލާއި އިމްތިޔާޒްގެ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގުކުރެއްވި ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ބިލްގެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ. އެ ދެ ބިލުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނޫސްވެރިންގެ މަސްދަރު ހާމަކުރުމުށް ލާޒިމްވާ މާއްދާއެއް އޮތުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެ ގާނޫނު އޮތް ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެ ދެ ގާނޫނުގެ މައްސަލަ ވެސް ދައުލަތުން އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ބަންޑާރަ ނާއިބުގެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ގާނޫނުގައި ވެސް ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ޕާޓީތަކުގެ ގާނޫނުގައި ޕާޓީތަކުން އެކި ފަރާތްތަކާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ އިންތިގާލީ މަރުހަލާތަކެއް ކަނޑައަޅާފައި ނެތުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އިމްތިޔާޒްގެ ގާނޫނުގައި ފުލުހުންނަށް ހުރި ހުރަސްތަކާއި ނޫސްވެރިންނަށް ހުރި ހުރަސްތައް އެކުލެވޭ ކަމަށް ބުނާ މާއްދާތަކާ މެދު ވެސް ހައްލެއް ހޯދައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ޕާޓީތަކުގެ ބިލް ތަސްދީގުކުރުމާއެކު 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. އޮފިޝަލް ވިދާޅުވީ އިއްޔެ ހުށަހެޅި މައްސަލަ ބަލައި ނިމެންދެން މިހާރު ހުރި ޕާޓީތައް އުވާނުލުމުގެ އަމުރެއް ނެރެދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ