އަބްދުﷲ ސައީދު އައްޑު އަށް ވަޑައިގެންނެވީ މެޖިސްޓްރޭޓުންގެ ޝަކުވާތަކާ ގުޅިގެން: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިދިޔަ ފިތުރު އީދު ބަންދުގައި އައްޑު އަށް ވަޑައިގެންނެވީ އެ ސިޓީގެ މެޖިސްޓްރޭޓުން ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން، މަޝްވަރާ ކުރެއްވުމަށް ކަމަށް އެ ކޯޓުން އިއްޔެ ބުނެފި އެވެ. އަބުދުﷲ ސައީދުގެ އައްޑޫ ދަތުރުފުޅުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ވާހަކަ މީޑިއާއިން ހާމަކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ހަވީރަށް ފޮނުވި، އަބްދުﷲ ސައީދުގެ ދަތުރުފުޅުގެ ހުލާސާ ރިޕޯޓުގައި ބުނެފައިވަނީ އައްޑުއަށް ވަޑައިގެންނެވީ މެޖިސްޓްރޭޓުންގެ ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. އަދި ފަނޑިޔާރަކު އައްޑު އަށް ވަޑައިގެންނެވުމަށް ނިންމެވީ އޯގަސްޓް 28 ގައި ބޭއްވި ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގައިކަމަށާއި އައްޑު އަށް ވަޑައިގެންނެވުމަށް އަބްދުﷲ ސައީދުގެ ނަން ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިން ކަމަށެވެ. އަބްދުﷲ ސައީދު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫ މެޖިސްޓްރޭޓުންނާ ވަކިވަކިން ބައްދަލުކުރެއްވި ކަމަށާއި ކޯޓުތަކަށް ވެސް ޒިޔާރަތް ކުރައްވައި ކޯޓުތަކަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދެވި ކަމަށް އެ ރިޕޯޓުގައިވެ އެވެ. "މެޖިސްޓްރޭޓުންނާ ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކަށް ފަހު އެ ސިޓީގެ ހުރިހާ މެޖިސްޓްރޭޓުންނާ އެއް ހާޒިރެއްގައި ބައްދަލުވުންތައް ބާއްވަވާ، މި ބައްދަލުވުންތަކުގައި މެޖިސްޓްރޭޓުން ވަކިވަކިން ފާހަގަކުރެއްވި މައްސަލަތަކާ ބެހޭ ގޮތުން ވެސް އެ ބޭފުޅުންނާ މަޝްވަރާކުރައްވައި އެފަދަ މައްސަލަތައް ހައްލުކުރަށް އެޅިދާނެ ފިޔަވަޅުތަކާމެދު ހިޔާލު ބަދަލުކުރެއްވި" ތިން ސޮފުހާގެ ރިޕޯޓުގައިވެ އެވެ. އެ ބައްދަލުވުންތަކުގައި މެޖިސްޓްރޭޓުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ބަންދު ދުވަސްތަކުގައި ކުރަން ޖެހުމުން މަސައްކަތްކުރަން ކޯޓު ހުޅުވުމާއި މުވައްޒަފުން ހާޒިރުކުމުގައި ދަތިތަކާ ދިމާވާކަމަށާއި އެ މަސައްކަތަށް ބައެއް މެޖިސްޓްރޭޓުންގެ އެއްބާރުުން ނުލިބޭ ކަމަށް ވެސް ބައެއް މެޖިސްޓްރޭޓުން ފާހަގަކުރެއްވި ކަމަށް ރިޕޯޓުގައިވެ އެވެ. އިތުރު މައްސަލަތަކުގެ ތެރޭގައި ސީޓި ފެންވަރުގައި ފަނޑިޔާރުންގެ މަޖިލީސް ނުބޭއްވުމާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަމަހަމަ ނިސްބަތަކުން މެޖިސްޓްރޭޓުންގެ މެދުގައި ބަހަމުން ނުދިއުމުގެ ސަބަބުން މައްސަލަތަކެއް ދިމާވަމުންދާ ކަމަށް މެޖިސްޓްރޭޓުން ފާހަގަކުރެއްވި ކަމަށް ރިޕޯޓުގައިވެ އެވެ. އައްޑޫގެ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އަބްދުﷲ ސައީދު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި މުހިންމު ކަންކަން ނިންމުމުގައި މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާތައް ބޭއްވުމާއި މެޖިސްޓްރޭޓުންގެ އެސެމްބްލީ ބޭއްވުމާއި ހިޔާލު ތަފާތުވާ މައްސަލަތައް ދާއިރާގެ މެޖިސްޓްރޭޓުންގެ އެސެމްބްލީއަށް ހުށަހަޅައިގެން އަގުލަބިއްޔަތު ލިބޭ ގޮތަކަށް ހައްލުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަބުދުﷲ ސައީދުގެ ދަތުރުފުޅުގައި ހިތަދު އާއި ފޭދު އާއި މަރަދު އާއި މަރަދޫ ފޭދޫ ކޯޓަށް ޒިޔާރަތްކުރައްވައި، އެ ކޯޓުތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށާއި އަދި ޝަރުއީ ދާއިރާގެ ކުރިމަގާއި ބެހޭ ގޮތުންނާއި މުވައްޒަފުންގެ ފެންވަރު މަތިކޮށް ވަޒީފާ އަށް އަހުލުވެރިކުރުމަށް ރާއްވަވާފައިވާ ކަންތައްތަކާބެހޭ ގޮތުން މައުލުމާތު ދެއްވި ކަމަށް ރިޕޯޓުގައިވެ އެވެ. އަބްދުﷲ ސައީދުގެ ދަތުރުފުޅުގެ މައްސަލަ ބަލައިދިނުމަށް އެދި، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު، ލަކީ، އަބްދުލްހަމީދު އަބްދުލްކަރީމް މިދިޔަ ބުރާސްފަތި ދުވަހު އޭސީސީ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަބްދުﷲ ސައީދު އޯގަސްޓް 30 އިން ސެޕްޓެމްބަރު 2 އަށް އައްޑޫ މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ދަތިތައް ދެނެގަތުމަށާއި ޝަރުއީ ދާއިރާގެ މަސައްކަތް ހަލުއިކުރުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް އައްޑު އަތޮޅަށް ވަޑައިގެންނެވި ނަމަވެސް، އެ މަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ އީދު ޗުއްޓީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ