ހަމީދުގެ ހުކުމާ ގުޅިގެން އިދާރީ ފިޔަވަޅު އަޅަންޖެހޭނީ އިލެކްޝަނާއި މަޖިލީހުން: ސުޕްރީމް ކޯޓް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލަން ކޮށްފައިވާ ހުކުމާ ގުޅިގެން އިދާރީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަކީ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކަމަށް ސުޕްރީމް ކޯޓުން ބުދަ ދުވަހު ބުނެފި އެވެ. ހަމީދުގެ ހުކުމަށް އިދާރީ ފިޔަވަޅު އަޅަންޖެހޭނީ އިލެކްޝަންސް އާއި މަޖިލީހުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައި މި ވަނީ، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތް ބޭރު ކުރުމަށްފަހު ފޮނުވި ސިޓީއެއްގަ އެވެ. ސުޕްރީމް ކޯޓުން އިއްޔެ މޫސާ އަންވަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ހަމީދުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން ކަމަށާއި އެކަމަކު މި މައްސަލައިގައި އެ ދެ ފަރާތުން ވަކި ގޮތެއް ކަނޑައަޅާފައި އޮތްކަން އެނގެން ނެތް ކަމަށެވެ. "... ހުކުމާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން/ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކަމަށްވާއިރު މި ދެ ފަރާތުން ވެސް މި މައްސަލައާ ގުޅިގެން ވަކި ގޮތެއް ކަނޑައަޅާފައިވާކަން [އެނގޭކަށް ނެތް]،" ސުޕްރީމް ކޯޓުން ބުންޏެވެ. ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު ހިލާފް އުފެދިފައިވާކަން އަންގައިދޭ، ރައްޔިތުންގެ މަޖިލީހުގެ އަދި އިލެކްޝަންސް ކޮމިޝަނުގެ ނިންމުމެއް މޫސާ އަންވަރު ހުށަހަޅާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމާ މެދު ހަމީދު ހުޞޫމަތެއް އުފައްދާފައިވާކަން އެނގޭ ފަދަ މިންވަރަކަށް މޫސާ އަންވަރު ސާފުކޮށްދީފައިނުވާ ކަމަށް ވެސް އެ ކޯޓުން ބުނެފައިވެ އެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރު ކުރުމުން މޫސާ އަންވަރު ބުނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އެ ވަނީ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ހިލާފް އުފެދިފައިނުވާ ކަމަށެވެ. ނަމަވެސް އެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނެ އޭނާ މައްސަލަ ހުށަހެޅީ، މަޖިލީހުގެ ގޮނޑިއެއް ހުސްވުމުން ގާނޫނުގައިވާ ގޮތުގެ މަތިން ފަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާކަން އިލެކްޝަންސް އިން އިއުލާން ކޮށްފައިނުވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ