ނަޝީދުގެ މައްސަލަ ކުރިއަށް ގެންގޮސްދޭން ސުޕްރީމް ކޯޓުގައި ވާނީ އެދިފައި: ޕީޖީ އޮފީސް

ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. ޕީޖީ އޮފީހުން އެގޮތަށް ބުނީ ނަޝީދުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިތޯ އާއި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމާފައިވޭތޯ ސާފުކޮށް ދިނުން އެދި ނަޝީދުގެ ވަކީލުން ޕީޖީ އޮފީހުގައި އެދުމުންނެވެ. ނަޝީދުގެ ވަކީލުން ޕީޖީ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ޕީޖީ އޮފީހުން ނަޝީދުގެ ވަކީލުންނަށް ފޮނުވި ސިޓީގައިވަނީ ނަޝީދުގެ މައްސަލަ މިދިޔަ މަހުގެ 17 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް މިމަހުގެ 11 ވަނަ ދުވަހު އެ ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ނާޝިދު ސޮއި ކުރައްވާފައިވާ އެ ސިޓީގައި ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށް ވެސް ވަކި ގޮތެއް ނިންމާފައިނުވާތީ އެ މައްސަލައަކީ ޝަރީއަތުގެ މަރުހަލާއެއްގައި އޮތް މައްސަލައެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދު 13 އަހަރަށް ޖަލަށްލި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގެންފައިނުވާތީ އެވެ. ނަޝީދުގެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުން ނަޝީދަށް އިއްވި ހުކުމާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ނަޝީދުގެ މައްޗަށް ޖަލު ހުކުމް އައީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ