ކުށްކުރިތާ ހަތް އަހަރު ފަހުން ކުރި ހުކުމެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

މަސްތުވާތަކެތި ވިޔަފާރީގެ ބޭނުންމަށް އަތުގައި ބެހެއްޓި މީހަކު އުމުރަށް ޖަލަށްލުމަށް، އެ ކުށްކުރިތާ ހަތް އަހަރު ފަހުން ޖިނާއީ ކޯޓުން ކުރި ހުކުމެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އެބަދެ އެވެ. ސުޕްރީމް ކޯޓުން ބަލަމުންދަނީ މއ. މާޖެހިވިލާ އަބްދުﷲ ހާދީގެ މައްޗަށް ސާބިތުވި މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށެއްގައި އޭނާ އުމުރަށް ޖަލަށްލުމަށްކޮށްފައިވާ ހުކުމަށެވެ. އޭނާ އެ ކުށްކުރީ 2002 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ވިޔަސް އޭނާ އުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ހާދީ އުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ހުކުމްކުރުމުން އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ވެސް ވަނީ އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށް 2011 ވަނަ އަހަރުގެ ތެރޭގައި ހުކުމްކޮށްފަ އެވެ. އެ މައްސަލަ ހާދީގެ ފަރާތުން މިދިޔަ އަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދަނީ މިހާރު އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ވެސް އެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. ހާދީ އަތުލައިގެންފައިވަނީ އޭނާ ޏ. ފުވައްމުލަކަށް ގޮސް އުޅުމުގެ ތެރޭގައި އޭނާ އެރަށުގައި މަސްތުވާތަކެތީ ގެންގުޅޭ ކަމަށް ސިފައިންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުންނެވެ. އެ މަސްތުވާތަކެތި ފޮރުވާފައި ހުރީ އެރަށުގައި ހާދީ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ހުރި ގަހެއްގެ ދޮށުގައި ވަޅުލާފައި ކަމަށާއި އެއީ ބަރުދަނުގައި 14 ގްރާމް ހުރި ހެރޮއިން ކަމަށް ހުކުމުގައިވެ އެވެ. ޖިނާއީ ކޯޓުގެ ހުކުމް އިސްތިއުނާފްކޮށް ހާދީގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ޒިންމާވާންޖެހޭ ފަދަ ތަނަކުން ނޫން ކަމަށާއި އަދި ހާދިސާ ހިނގިފަހުން ހުކުމްކުރުމާ ހަމައަށް ހާދީގެ ފަރާތުން ކުށުގެ އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑު އަދަބެއް އަންނަ މައްސަލައެއްގައި އެކަށީގެންވާ މިންވަރަށް ކުށް ސާބިތުނުވާ ކޮންމެ މީހަކީ ރަނގަޅު މީހެއް ކަމަށް އުސޫލަށް ޖިނާއީ ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ފުލުހުންގެ މުއައްސަސާ އުފެއްދުމުގެ ކުރިން ކޮށްފައިވާ ތަހުގީގުގެ މައްޗަށް ބުރަވެ، އުމުރަށް ޖަލަށްލުމަށް ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ މަސްތުވާތަކެތި ހުރިތަން ސިފައިންނަށް ދައްކާފައި ވަނީ ހާދީ ކަމަށް ވުމުން އެ ތަކެއްޗަކީ ހާދީއަށް އެނގިގެން ވަޅުލާފައިހުރި، ހާދީގެ ބެލުމުގެދަށުގައި ހުރި ތަކެތި ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ކުށްކުރިފަހުން ހުކުމްކުރުމާ ހަމައަށް އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކުށެއް ނުކޮށް ހުރުމަކީ އެމީހަކީ ކުށެއް ނުކުރާ މީހެއް ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ