ހަތަރު ދާއިރާއެއްގެ އިންތިޚާބުގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 16 ދާއިރާއެއްގެ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ މައްސަލަތައް ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި 16 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވަނީ މީދޫ ދާއިރާ އާއި މަހިބަދޫ ދާއިރާގެ އިތުރުން ފޭދޫ ދާއިރާ އަދި ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެނގިފައިވާ ގޮތުގައި ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބަލައިނުގަތީ އެ ދާއިރާގެ މައްސަލަ ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާތީ އެވެ. އެ މައްސަލަތައް ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމި ނަމަވެސް ރެޖިސްޓްރާ ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމެއް އަލުން ރިވިއުކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ. ހައި ކޯޓުން ބަލައިގެންފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ޝަރީއަތް ނުފެށި ވަނީ ފެލިދޫ ދާއިރާ އާއި ކާށިދޫ ދާއިރާގެ އިތުރުން ގެނަމަފުށީ ދާއިރާ އަދި އިސްދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މިއަދާ ހަމައަށް ޝަރީއަތް ފަށާފައިވަނީ ފުނަދޫ ދާއިރާ، ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމު ދާއިރާގެ އިތުރުން ވިލިނގިލީ ދާއިރާ އަދި ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ މައްސަލަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގައި ފުރަތަމަ އަދި ފަހު ބަސް ބުނާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ތެރޭގައި ބަލައި، ނިންމަންޖެހޭ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ