ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އައިޑީޕީއަށް ދޭން އީސީގެ މައްޗަށް ކޯޓުން އަމުރުކޮށްފި
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ ތެރެއިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އަށް ދޭންޖެހޭ ދެ އަހަރު ދުވަހުގެ ފައިސާ ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. އައިޑީޕީ އަށް 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ ކޮމިޝަނުން ދޫނުކުރާ ކަމަށް ބުނެ ކޯޓަށް ދިއުމުން އެ ކޯޓުން އިއްޔެ ހުކުމްކުރީ އެ ފައިސާ އައިޑީޕީ އަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ އެ ޕާޓީ އަށް ލިބި ދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވެސް އެ ކޮމިޝަންގެ މައްޗަށް ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ. ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ޕާޓީތަކަށް ދިނުމަކީ ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެއީ އެ ކޮމިޝަންގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ގަވާއިދުގައި ބުނާ ޝަރުތުތައް ފިޔަވައި އިތުރު ޝަރުތުތަކެއް ފައިސާ ދޫކުރުމުގައި ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ވެސް ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި އެ ހުކުމުގައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފައިވަނީ އައިޑީޕީ އަށް ފައިސާ ދޫނުކުރަނީ ޕާޓީތަކުގެ ގަވާއިދާ އެ ޕާޓީ ޚިލާފްވެގެން ޖޫރިމަނާ ކުރުމުން ވެސް ޖޫރިމަނާ ނުދައްކާތީ އާއި އެކަށީގެންވާ ގޮތެއްގައި އެ ޕާޓީ ހަރަކާތްތެރި ނުވާތީ ކަމަށެވެ. އެހެންވެ ދައުލަތުގެ ފައިސާ އެއްވެސް ހަމައެއް ނެތި ދޫނުކުރެވޭނެތީ އެ ފައިސާ ދޫނުކުރީ ކަމަށް ވެސް އެ ކޮމިޝަނުން ކޯޓުގައި ބުނެފައިވެ އެވެ. އައިޑީޕީގައި 10،000 މެމްބަރު ހަމަނުވާތީ ކަމަށް ބުނެ އެ ޕާޓީ އުވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މި އަހަރު އިއުލާން ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އިއުލާން ބާތިލްކޮށް، އެ ޕާޓީ އުވިފައި ނުވާ ކަމަށް އަންގައިފަ އެވެ. އެހެންވެ އެ ޕާޓީ އަލުން ވަނީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަިއފަ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު އައިއިރު އޮތީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭ ގޮތަށެވެ. ނަމަވެސް އެ ގާނޫނު އެ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ޕާޓީއެއްގައި މަދުވެގެން ތިބެންޖެހޭ މެމްބަރުންގެ އެހެން އަދަދެއް އެ ގާނޫނުގައި ކަނޑައަޅަންދެން ޕާޓީއެއް ތިބެންޖެހޭނީ ގާނޫނު އައުމުގެ ކުރިން ވެސް އޮތްގޮތަށް 3،000 މެމްބަރުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން އުފެއްދެވި އައިޑީޕީ އުވާލުމަށް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށް އުމަރު ދައުވާ ކުރެއްވި ނަމަވެސް ކޯޓުން 2012 ގައި އެ ނިންމީ އެ ޕާޓީ އުވާލަން އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ