ކޮމިޝަނުން މަސައްކަތް ކޮށްފި ނަމަ ހޮނިހިރުދުވަހު އިންތިޚާބު ބޭއްވޭނެ: ގާސިމް
އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފި ނަމަ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައަޅާފައިވާ މަންދޫބު ޑޮން މެކިނަންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެކަމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންނާއި ޕާޓީތައް ބަދުނާމުކުރަން އިލެކްޝަންސް ކޮމިޝަނުން އުޅޭ ނަމަ އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ވެސް އިންތިޚާބު ބާއްވަން އުޅޭ ކަމަށް ބުނެ ކޮމިޝަނުން ކުޅުނީ ޑްރާމާއެއް ކަމަށާއި ލިސްޓްތަކުގައި ސޮއިކުރަން އެކަށީގެންވާ ވަގުތު ކެންޑިޑޭޓުންނަށް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެރޭ މެންދަމު ދޭއް ޖެހިއިރު އަޅުގަނޑުމެން ކައިރިއަށް ފޮނުވީ ލިސްޓްތަކުގައި ސޮއިކުރަން އަންނާށޭ ކިޔާފައި. މިތަނުން މީހުން ފޮނުވިއިރު ބުނީ އަދި ޕްރިންޓެއް ނުވެޔޭ، ޕްރިންޓްވެ ނިމުނީ އަނެއް ދުވަހު 8:00 ޖެހިއިރު. އެކަމަކު 7:30 ގައި ވޯޓުލާން ވެއްޖެ. ރާއްޖެ ހުރިހާ ކަންކޮޅުތަކަށް 470 ފޮށި ފޮނުވަނީ ކިހިނެތްތޯ ލިސްޓާ އެކީގައި؟" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ހިންގަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށާއި އެ ޕާޓީން ބޭނުންނުވާ ގޮތަކަށް ކަންތައްތައް ކުރަން ޖެހިއްޖެ ނަމަ ކޮމިޝަނުން އިންތިޚާބު ބާއްވަން ބޭނުންނުވާ ކަމަށެވެ. އިންތިޚާބު ބޭއްވުމަށް އެތައް ތާރީޚެއް ދެމުން ގޮސް، އަންނަ ހޮނިހިރު ދުވަހު ބާއްވަން މަސައްކަތް ކުރާއިރު އެދުވަހު އިންތިޚާބުގައި ކަންތައްތައް ވަރަށް ފުރިހަމަވާނ ްޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އެހެން ނޫނިއްޔާ އެ މީހުން ވޯޓުލާކަށް ބޭނުމެއް ނޫން. މިހާރު މަޖިލީހުގެ ކަންތައް ކުރަނީ އިސްވެދިޔަ ގޮތަށް. އެހެންވީމާ މިހާރު ބޭނުންވަނީ އަބްދުﷲ ޝާހިދު ރާއްޖޭގެ ވެރިކަމާ ހަވާލުވެފައި ދެން އޭގެ ފަހުން ކަންނޭނގެ މިކަމެއް ކުރަން. އެއީ ކަންނޭނގެ މިއަދު ރޫހަކަށް ވަނީ. މިކަންތައްތަކަކީ އަޖައިބުވާން އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ. އޭނާ މިއަދު ވެސް ވަނީ ރައީސަކު އިންތިޚާބު ވަންދެން މިހާރުގެ ރައީސް މުހައްމަދު ވަހީދު އެ މަގާމުގައި ހުންނެވުމަށް އެދިވަޑައިގަންފަ އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު ވެސް ވަހީދަށް އެ މަގާމުގައި ހުންނެވޭކަން ސާފުކޮށް އެނގެން އޮތުމުންނާއި ގައުމުގައި ކަންތައްތައް ހިނގަމުންދާ ގޮތުން ރައީސް ވަހީދު މަގާމުގައި ދެމިހުންނެވުން މުހިންމު ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދު ދަނީ ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރައްވަމުންނެވެ. އެގޮތުން ޖިނާއީ ކުށްތައް ސާބިތުވެފައި ތިބޭ މެމްބަރުންނަށް މަޖިލީހަށް ހާޒިރުނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި އޮއްވާ އެއާ ދެކޮޅު އިސްލާހު ހުށަހެޅުމުން ވޯޓަށް އަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ