ޕީއައިސީގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރިޝްވާންގެ ނަން މަޖިލީހަށް ފޮނުވައިފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ރިޝްވާން ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު މިއަދު ފޮނުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވި ރައީސް ވަހީދުގެ ސިޓީފުޅުގައި ވިދާޅުވީ ރިޝްވާނަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް، ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އާންމުކޮށް ހުޅުވާލުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅެއް ކަމަށެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ ރިޝްވާންގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުއްވައިފަ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއީލް އޮކްޓޫބަރު 7 ގައި އިސްތިއުފާ ދެއްވުމުންނެވެ. ސިފައިންގޭގައި 10 އަހަރު އަދި ފުލުހުންގެ އިދާރާ ގައި އަށް އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޝްވާން ހިދުމަތުން ރިޓަޔާ ކުރައްވާފައި ވަނީ ޖުލައި 2011 ގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތީ "އަމިއްލަ މަސައްކަތްތަކުގައި އުޅެލަން ވެގެން" ކަމަށެވެ. ފުލުހުންގެ ހިދުމަތުން ރިޝްވާން ވަކިވެ ވަޑައިގެންނެވިއިރު ހޯމް މިނިސްޓަރު ހަސަން އަފީފާ ދެ ބޭފުޅުން މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ފެބްރުއަރީ 2011 ގައި ގެއަށް ވެސް ފޮނުވާލި އެވެ. ނަމަވެސް އޭގެ ހަފުތާއެއްގެ ތެރޭގައި ރިޝްވާން އަލުން ޑިއުޓީ އަށް ނުކުމެވަޑައިގަތެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ރިޝްވާން އައްޔަން ކުރުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުއްވިއިރު ފުލުހުން ހައްޔަރުކުރި ޒުވާނުންތަކެއްގެ ބޯކޮށާލުމަށް ރިޝްވާން އަމުރުކުރެއްވި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ބަލައި އޭނާގެ މައްޗަށް ދައުވާކުރުމަށް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަންކަން ސާފުކޮށްދިނުމަށް ޕީޖީން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި ވެސް އެދިފައިވެ އެވެ. އެކަމަކު ރިޝްވާން ވިދާޅުވެފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ޒުވާނުންތަކެއްގެ ބޯކޮށާލުމަށް އަމުރު ނުކުރައްވާ ކަމަށެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގައި ހުންނެވިއިރު ޖިނާއީ އެއްވެސް ކުށެއް ނުކުރައްވާ ކަމަށެވެ. "...އަޅުގަނޑު އެ ވަގުތު ހުރީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮޕަރޭޝަނަލް ކޮމާންޑުގެ ހެޑް އޮފް އޮޕަރޭޝަންގެ މަގާމުގައި ކަމުގައިވާތީ، އެ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި ފުލުހުންގެ ހުރިހާ އޮޕަރޭޝަންސް އެއްގެ ޒިންމާ ހެޑް އޮފް އޮޕަރޭޝަންގެ ހައިސިއްޔަތުން ނަގަން ޖެހޭނީ އަޅުގަނޑެވެ. އަދި އެއީ މުއައްސަސާގެ ފެންވަރުގައި މުއައްސަސާގެ ވެރިއެއްގެ ހައިސިއްޔަތުން ނަގަންޖެހޭ ޒިންމާއެކެވެ،" ރިޝްވާންގެ މައްޗަށް ދައުވާކުރަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމުމުން އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ