ރިޔާސީ އިންތިހާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ: ކޮމަންވެލްތު
ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ކަމަށް ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ މިއަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބު ނުބޭއްވި ދިގުލައިގެން ދާތީ އެކަމާ މެދު ކޮމަންވެލްތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރަސީ އަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް ވެސް ޝަރުމާ ވަނީ ސިފަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހިނގަމުން އަންނަ ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ހަމަވާ އިރު އާ ސަރުކާރެއް އިންތިހާބު ކުރެވެން ޖެހެ އެވެ. "ރިޔާސީ އިންތިހާބު ވީހާ ވެސް އަވަހަކަށް ބޭއްވުމަށް ރިޔާސީ ކެންޑިޑޭޓުންނާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އެކުގައި މަސައްކަތް ކުރުމަށް ކޮމަންވެލްތުން ބާރު އަޅަމެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ވީހާ ވެސް އަވަހަކަށް އިންތިހާބު ބޭއްވުމުގެ ފުރުސަތު މިނިވަން އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހެ އެވެ،" ބަޔާނުގައިވެ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ލީޑަރަކު ވެރިކަމަށް ގެނައުމުގެ ހައްގު ދިނުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި އެހެނިހެން ވެސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ނެގި ވޯޓުގައި ދިވެހި ރައްޔިތުން ދައްކައިދީފައި ވަނީ ވޯޓުލުމުގެ ހައްގު ބޭނުން ކުރަން ދިވެހިން އެދެމުންދާ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނާނެ ކަމަށް ވެސް ޝަރުމާ ވަނީ ވިދާޅުވެފަ އެވެ. މިއަދު އަލުން ބާއްވަން ނިންމި މި އަހަރުގެ ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަނަށް ނުބޭއްވުނީ ފުލުހުން އެ ކޮމިޝަނަށް އެއްބާރުލުން ދިނުން ހުއްޓާލުމުންނެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ފުލުހުން ބުނަނީ ފައިނަލް ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ސޮއި އޮންނަން ވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގެ ގައިޑްލައިންގައި ބަޔާންކޮށްފައިވާއިރު އެކަން ފުރިހަމަ ނުކޮށް އިންތިޚާބު ބާއްވަން އުޅުމެވެ. ވޯޓާސް ލިސްޓުގައި ސޮއި ނުކުރަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީންނެވެ. އެ ދެ ޕާޓީން ބުނަނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރު ނުކުރެވެނީސް އޭގައި ސޮއި ނުކުރެވޭނެ ކަމަށާއި ލިސްޓް އަޅާކިޔަން ވަގުތު ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ