ބައި އިލެކްޝަންތަކުގައި ޕީޕީއެމުން ބައިވެރި ނުވާ ގޮތަށް ނިންމަން ކައުންސިލަށް ހުށަހަޅަނީ

ކައުންސިލްތަކުން ހުސްވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަންތަކުގައި ޕީޕީއެމުން ވާދަ ނުކުރާ ގޮތަށް ނިންމަން ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. ހއ. އިހަވަންދު އާއި މާރެންދޫ ކައުންސިލްގެ ދެ މެމްބަރަކު ޕީޕީއެމަށް ސޮއިކުރުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ މި ސަރުކާރަކީ ވައުދުތަކަކާ އެކު ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ ސަރުކާރަކަށް ވާތީ، ބޭކާރު ގޮތުގައި ވަގުތުތަކެއް ހޭދަކުރެވެން ނެތް ކަމަށެވެ. ކައުންސިލަރުން އިސްތިއުފާ ދެއްވައި ގޮނޑި ހުސްކުރުމުން އެ ގޮނޑިއަކަށް ޕީޕީއެމުން ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރަނީ ގިނަ ވަގުތުުތަކެއް ހޭދަކޮށް ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. ނިހާން ވިދާޅުވި ގޮތުގައި ޕީޕީއެމަށް އުނދަގޫތައް ކުރިމަތިކުރުމުގެ ނިޔަތުގައި ވެސް ބައެއް ފަހަރަށް ކައުންސިލަރުން އިސްތިއުފާ ދެއްވައި ގޮނޑި ހުސްކުރައްވާ ކަމުގެ މައުލޫމާތު ވެސް އެ ޕާޓީ އަށް ވަނީ ލިބިފަ އެވެ. "އިންތިހާބުތަކަށް ބޭނުންވާ ފައިސާ، ވަގުތު އަދި އަޅުގަނޑުމެން ވަރުބަލިކޮށްލުމުގެ ނިޔަތުގައި ވެސް އެމްޑީޕީން އެބަ ރާވައޭ މި ކަހަލަ ކަންތައްތައް. އަޅުގަނޑުމެން ސީރިއަސް ލެވެލެއްގައި އެބަ ވިސްނަން ކުރިއަށް ހުރި މި ފާޑުގެ އިންތިހާބުތަކުގައި، ބައި އިލެކްޝަންތަކުގައި ވާދަ ނުކުރަން،" ނިހާން ވިދާޅުވި އެވެ. އިހަވަންދު އާއި މާރަންދޫގެ ދެ ކައުންސިލަރަކު ޕީޕީއެމަށް ސޮއިކުރައްވަަން ބޭއްވި ރަސްމިއްޔާތުގައި ނިހާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލަށް ހުށަހެޅުމުން ކައުންސިލުންނެވެ. އެ ވިސްނުން ވަރަށް އަވަހަށް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވި ގޮތުގައި މިހާތަނަށް ބޭއްވި 29 ބައި އިލެކްޝަންގެ ތެރެއިން 21 ބައި އިލެކްޝަން ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ބައި އިލެކްޝަންތައް ކާމިޔާބުކުރުމުގެ އެންމެ ވަރުގަދަ ޓްރެކް ރެކޯޑެއް ވެސް އޮތީ ޕީޕީއެމްގައިކަން ނިހާން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ދައުލަތުގެ އިސް ބޭފުޅުން 24 ގަޑިއިރު މަސައްކަތް ކުރައްވަނީ ގައުމަށް ތަރައްގީ އާއި އިތުރު ކުރިއެރުންތައް ގެނެސްދެއްވުމަށެވެ. ބާރު ސްޕީޑުގައި ކުރާ އެ މަަސައްކަތަށް ހުރަސްއެޅުމަށްޓަކައި ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން، އެ ގޮނޑިއަކަށް ވާދަކޮށް ކާމިޔާބުކުރަން މަސައްކަތް ކުރުމަކީ ގެއްލޭ ވަގުތުތަކެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ