ބޯޓު ހޯދުމުގެ މަސައްކަތް މޫސުން ގޯސްވެގެން ހުއްޓާލައިފި

ޕާތު، އޮސްޓްރޭލިއާ (މާޗް 25) - މެލޭޝިއާ އެއާލައިންސްގެ ގެއްލިފައިވާ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހުއްޓާލައިފި އެވެ. ފްލައިޓް ވަނީ އޮސްޓްރޭލިއާއާ ދިމާލުން ކަނޑަށް ވެއްޓިފައި ކަމަށާއި އެއްވެސް މީހަކު ސަލާމަތް ނުވާނެ ކަމަށް މެލޭޝިއާ އިން އިއްޔެ ނިންމާފައި ވާއިރު އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީން ބުނީ ގަދަ ވަޔާ އެކު ވާރޭ ވެހެމުން ދާއިރު ކަނޑު ވެސް ވަރަށް ގަދަ ކަމަށެވެ. އަދި މި ހާލަތުގައި ވައިގެ މަގުންނާއި ކަނޑުމަގުން ވެސް، ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ނުރައްކާތައް އެބަހުރި ކަމަށް އެ އިދާރާ އިން ބުންޏެވެ. އެ ތަނުން ބުނީ މޫސުން ރަނގަޅު ނަމަ މާދަމާ އަލުން މަސައްކަތް ފަށާނެ ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި ބަލަމުން ދަނީ އޮސްޓްރޭލިއާގެ ޕާތުގެ ހުޅަނގުން 2300 ކިލޯ މީޓަރު ދުރެވެ. އެ ހިސާބުން ނަގާފައިވާ ބައެއް ސެޓެލައިޓް ފޮޓޯތަކުން ވަނީ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބައެއް އެއްޗެހި ފެނިފަ އެވެ. ނަމަވެސް ކަނޑުމަގުން ގޮސް އެ އެއްޗެހި ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ. ނަމަވެސް އިއްޔެ ވަނީ އެ ސަރަހައްދުން ފުރަތަމަ ފަހަރަށް އެއްޗެހިތަކެއް ނަގައިފަ އެވެ. އެކަމަކު އެއީ ބޯޓަށް ނިސްބަތްވާ އެއްޗެހި ކަމެއް ކަށަވަރެއް ނުވެ އެވެ. މި މަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރަނިކޮށް ގެއްލުނު ފްލައިޓްގެ އެއްވެސް ނިޝާނެއް މިހާތަނަށް ނުފެނެ އެވެ. ނަމަވެސް ބޯޓު ވެއްޓުނީ ކަމަށާއި މީހަކު ސަލާމަތް ވެފައި ނުވާނެ ކަމަށް ނިންމާފައި ވަނީ ސެޓެލައިޓް މައުލޫމާތުގެ މައްޗަށް ބިނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ