ޕީޕީއެމްގެ އެތެރޭގައި ހިނގަނީ ސިޔާސީ ޑްރާމާއެއްނޫން - ޔުމްނާ މައުމޫން

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކުގައި ރައީސް މައުމޫނު އްބްދުލް ޤައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާއި ދެމެދު ހިނގަނީ ސިޔާސީ ޑްރާމާއެއް ނޫންކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސް މައުމޫނުގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ ޔުމްނާ މައުމޫނު މިހެން ވިދާޅުވީ ރޭ ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ރައީސް ޔާމީނާއި ދެކޮޅަށް ނިކުމެ ވަޑައިގެންނެވުމަށްފަހު އަލުން ސަރުކާރާއި ގުޅިވަޑައިގެން ރައީސް ޔާމީނުގެ ސަރުކާރުގެ ދިފާއުގައި ނިކުމެ ވަޑައިގެންނެވުމުން ބައެއް ފަރާތްތަކުން ދެކެމުންދަނީ ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ހިނގަމުންދާ ކަންތައްތަކަކީ އިދިކޮޅު ފަރާތްތަކަށް އޮޅުވާލުމަށް ދެބޭފުޅުން ކުޅުއްވަމުން ގެންދަވާ ސިޔާސީ ޑްރާމާއެއް ކަމުގައެވެ.
ނަމަވެސް ޔުމްނާ މިރޭ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ހިނގާ ކަންކަމަކީ ހަގީގަތެއްކަމަށެވެ.
އަދި ޔުމްނާގެ އެއްމާބަނޑު ދައްތަ ދުންޔާގެ ނިންމެވުމަކީ އަމިއްލަފުޅު ނިންމެވުމެއްކަމަށާއި އެނިންމެވުން ދުންޔާ ނިންމެވީ ކީއްވެކަން އެނގިވަޑައި ނުގަންނަވާކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެއް އާއިލާއެއްގެ ތެރޭގައިވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ހުރުމަކީ ޑިމޮކްރަސީއެއްގައި ކަން ހިނގާނެގޮތްކަމަށާއި އެއީ މައްސަލެއްވެސް ނޫން ކަމުގައި ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ އިތުރަށް ވިދާޅުވެފައިވަނީ އެކަމަނާ ރައީސް ޔާމީންގެ ފަހަތްޕުޅަށް ނާރުއްވާނެކަމަށާއި, ލިބިވަޑައިގަތީ އުންމީދުކުރެއްވި ކަހަލަ ވެރިއެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ