ހަވީރު ބާސްކެޓްބޯޅަ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން، އަންހެން އަދި 21 އަހަރުން ދަށުގެ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ. ހަވީރުގެ ޓްރޮފީއާ 20،000ރ. ހުށަހަޅާފައިވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ރެޑްލައިން ކްލަބުގެ ފަސް ކުޅުންތެރިން ކަމަށްވާ މުހައްމަދު ޒިލާލް އާއި އޭނާގެ ކޮއްކޮ އަހުމަދު ޒަބީރާއި އަލީ ފަޒްލީ އާއި އަހުމަދު އަފްސަން ރަޝާދު އަދި އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. މީގެ ތެރެއިން ޒިލާލަކީ މި އެވޯޑް 2008، 2011 އަދި 2012 ވަނަ އަހަރު ހޯދި ކުޅުންތެރިޔާ އެވެ. ފަޒްލީ ވަނީީ 2009، 2010 ވަނަ އަހަރު އެވޯޑް ހޯދައިފަ އެވެ. އަދި އަފްސަން އަކީ 2007 ވަނަ އަހަރު އެވޯޑް ހޯދި ކުޅުންތެރިޔާ އެވެ. ހަވީރުގެ ޓްރޮފީއާ އެކު 15،000ރ. ހުށަހަޅާފައިވާ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ 2009 ވަނަ އަހަރު އެވޯޑް ކާމިޔާބުކުރި، ރެޑްލައިން ކްލަބުގެ ފާތިމަތު ރިޝްމާ އާއި އައިޝަތު ޝައްފަ އަދި ދިވެހި ސިފައިންގެ ކްލަބުގެ ނަޝްފާ އާމިރާ (ނައްފަ) އާއި ޝިޒްނާ ރަޝީދު (ޝިޒޫ) އަދި އައިޝަތު ރިޝްމާ އެވެ. މި އެވޯޑް މިދިޔަ ތިން އަހަރު ހޯދި އައިމިނަތު ޝިއުރާ ސިއްހީ މައްސަލައެއް ކުރިމަތިވެ މިދިޔަ ސީޒަނުގައި ކުޅެފައިނުވާތީ، އޭނާ އަށް މި ފަހަރު އެވޯޑަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހައިޝަމް ދާއޫދާއި އިބްރާހިމް ރަޝްވާން އަދި އަބްދުﷲ އަފްލާހު ޝަރީފެވެ. މި ބައިން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އައިމިނަތު ސަމްހާ އާއި އައިމިނަތު އިޝްރާއު އަދި އައިމިނަތު ނަޒްރާ އެވެ. މި ކުޅުންތެރިންގެ ނަންތައް އިއުލާންކުރީ، ރޭ ޓީވީއެމް އިން ގެނެސްދިން ހަވީރު ސްޕޯޓްސް އެވޯޑްސްގެ ކައުންޓްޑައުން ޝޯ ގަ އެވެ. މި ފަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ ދިރާގާއި މޯލްޑިވިއަން އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް އާއި އެލައިޑް އިންޝުއަރެންސް އާއި ސަލްސާ ކޭޓަރިންނާއި ސީ ހައުސް އަދި އެމްއެޗްއޭ އެވެ. މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެޑްވަޓައިޒިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ