"ސުޕްރީމް ކޯޓް ވެސް ހުންނާނެ، ބެންޗް ވެސް ބަދަލެއް ނުކުރެވޭނެ"

ސުޕްރީމް ކޯޓްގެ ބެންޗް ބަދަލު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ކަށަވަރުކޮށްދެވައި، ތަކުރާރުކޮށް ސުޕްރީމް ކޯޓާއި ބެންޗު ބަދަލު ކުރާނެ ކަމަށް ބުނާ އެމްޑީޕީއާ ޗެލެންޖު ކުރައްވައިފި އެވެ.
އެމްޑީޕީން ވަނީ ސުޕްރީމް ކޯޓްގެ ބެންޗު ބަދަލު ކުރާނެ ކަމަށް ބުނެ އެޕާޓީން އެކަން ފާސްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓާ ދެކޮޅަށް މުޒާހަރާ އިއުލާންކޮށް މުޒާހަރާ ފަށައިފަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހިން ބަލައިގެންފައިވާ ޑިމޮކްރެޓިކް ނިޒާމުގައި ގެނެސްފައިވާ ގާނޫނު އަސާސީގައިވާ އަސާސީ އުސޫލުތަކަކީ ބަދަލު ނުގެނެވޭނެ ކަންކަން ކަމަށާއި އަސާސީ އެ އުސޫލުތައް އެގޮތުގައި ދެން އަބަދަށް ދެމި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެންމެ ބާރަށް އިވޭ އަޑަކީ ސުޕްރީމް ކޯޓްގެ ބެންޗް ބަދަލު ކުރާނެ ކަމުގެ ވާހަކަ ކަމަށާއި އެހެން ނަމަވެސް ދެން ސުޕްރީމް ކޯޓު އުވިގެން ނުދާނެ ކަމަށެވެ.
"ސުޕްރީމް ކޯޓެއް ދެނެއް އުވިގެނެއް ނުދާނެ! މުއައްސަސާތަކަށް ދައުލަތު އިދާރާތަކަށް ގާނޫނު އަސާސީން ބައެއް ކަންކަން ހަވާލުކޮށްފައި ހުންނަނީ އެއްފަހަރު އެކަން ކޮށް ނިންމަން. ރާއްޖޭގައި މިހާރު މިއޮތީ ސުޕްރީމް ކޯޓެއް ގާއިމުވެފަ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމި އޮތްހާ ހިނދަކު ސުޕްރީމް ކޯޓް ދެމި އޮންނާނެ. ބެންޗަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. ސުޕްރީމް ކޯޓުގެ ބެންޗެއް ބަދަލެއް ނުކުރެވޭނެ އެހެނެއް ނޫން މަގާމެއް ހުސްވެއްޖިއްޔާ މަގާމަކަށް މީހަކު ލެވިދާނެ ބެންޗެއް ބަދަލެއް ނުކުރެވޭނެ،" އުއްތަމަ ފަނޑިޔާރު ކަށަވަރުކޮށްދެއްވި އެވެ.
ފާއިޒު ވިދާޅުވީ ހުރިހާ ދިވެހިން އެކަމަށް ސަމަލުވުމަށާއި ދިވެހިން މިހާރު މިތިބީ ވަކި އުސޫލްތަކެއް ބަލައިގެނެ ވަކި ދުސްތޫރީ ނިޒާމެއްގެ ތެރޭގައި ކަމަށާއި އެހެން ކަމުން މި ގައުމު ދެން ޖަޒުބާތުގައި ޖެހިގެން ނުވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ އަޑުތައް އިވުނު ކަމަށް ވިޔަސް މަސައްކަތައިގެން ކުރިޔަށް ވަޑައިގަތުމަށް ފަނޑިޔާރުންނަށް ގޮވާލައްވާ ކަމަށާއި އެއްވެސް ފިއްތުމަކަށް ބިރަކަށް ޖެހިލުންވެ ވަޑައި ނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ފަނޑިޔާރުންގެ މަސައްކަތުގެ ތޮބީއަތް ކަމަށެވެ.
"މި މަސައްކަތުގެ ތޮބިއަތަކީ މިއީއޭ! ދުނިޔޭގެ އެއްވެސް ތަނެއްގައި މިނޫން ގޮތަކަށް [މި މަސައްކަތް] ބައްޓަން ކުރެވިފައެއް ނެތް، ދެ ހަސްމުން ތިބިއްޔާ އެކަކު ބާރަށް ދޮރު ޖަހާނެ އަނެކަކަކު މަޑުމަޑުން ނުކުންނާނެ ބާރަށް ދޮރު ޖަހާލި ކަމަށް ވިޔަސް އެއީއަކީ ފަނޑިޔާރުން ކަންބޮޑުވާންވީ ކަމެއް ނޫން. ތިޔަބޭފުޅު މަސައްކަތައިގެން ކުރިޔަށް ވަޑައިގަންނަވާ. ބާރުގަދަ ފަރާތެއް، ނުފޫޒު ގަދަ ފަރާތެއް، ބާރުގަދަ މުއައްސަސާއެއްގެ ބިރަކަށް އެއްވެސް ބޭފުޅަކު ޖެހިލުންވެ ވަޑައިގަންނަވާނެ ކަމެއް ނެތް. ފަނޑިޔާރުންގެ މަގާމަކީ މިއަދު ކަށަވަރު އެއްޗެއް ފަނޑިޔާރަކާ ދޭތެރޭ އެއްވެސް އާބިޓްރީ ނިންމުމެއް ނުނިންމޭނެ،"
އެ މަނިކުފާނު ވިދާޅުވީ ކިތަންމެ ފާޑެއްކީ ނަމަވެސް ފަނޑިޔާރުން ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށާއި ގާނޫނު އަސާސީގައި ފަނޑިޔާރުން ތައްސުބުން އެއްކިބާވާން ގޮވާލާފައި އެވަނީ މައްސަލައެއްގައި ހައްސަމަކު ހިތްހަމަ ނުޖެހި ފާޑު ކިޔުން އަތުވެދާނެތީ ކަމަށެވެ.
"އެހެންވީމަ ކިތަންމެ ފަޑުކިޔަސް ކިތަންމެ ނުރައްކާތެރި ވިލާގަނޑެއް ބޯމަތި ކޮށްފައި އޮތް ކަމަށް ވިޔަސް ފަނޑިޔާރަކު ތައައްސުބުވެގެން ނުވާނެ ފަނޑިޔާރުކު ޖަޒުބާތުގައި ޖެހިގެން ނުވާނެ. ފަނޑާރުންގެ ވިސްނުން ހުންނަން ޖެހޭނީ ގާނޫނުގެ އިމުގެ ތެރޭގައި މިއީ ފަނޑިޔާރުންނާ އެހެން ފަރަތްތަކާ ތަފާތުވާ މިންގަނޑު. އެހެން ބައެއްގެ މެދުގައި އޮތް ހަމަނުޖެހުމެއް، ޖަގަޅާއެއް ނުވަތަ ނާއިންސާފެއްގެ މައްސަލަ ބެލުމަށްފަހު އިނސާފުދޭއިރު އެކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ އެއިން ކަމަކާ ބިރުގެން ނުވަތަ ޖެހިލުންވެވަޑައިގެން ތައްސަބު ބާއްވައިގެން ނުވާނެ އެންމެ ޕްރެޝަރު ކުރާ އެންމެ ފާޑު ކިޔާ ފަރާތަކަށްވެސް އިންސާފު ހޯދައިދޭން ވާނެ،"
އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނަށާއި ޖުޑިޝަރީއަށް ކިޔާ ފާޑުތަކުން ސަލާމަތް ވެވޭނެ ދުވަހެއް ނާންނާނެ ކަމަށާއި އެކަމުގެ ތެރޭގައި ދާއިރު ރާއްޖޭގެ ޝަރުއީ ނިޒާމް ގުޑިގެން ގޮސްގެން ނުވާނެ ކަމަށާއި ފަނޑިޔާރުންގެ އަޒުމު ގުޑައިގެން ވެސް ނުވާނެ ކަމަށެވެ.
ކޯޓްތަކަށް ނިންމާ ނިންމުތަކާއި ޖުޑިޝަރީއަށް ފާޑު ކިޔުން އަމާޒުކޮށްފައިވާ ހުރިހާ ފަރާތްތަކަށް ނިސްބަތްވާ ގޮތަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފުލް ލޯޑްގައި މަސައްކަތް ކުރަމުންދާ ކޯޓުތަކަށް ގާޒީން ވެސް އިތުރު ކުރެވިދާނެ ކަމަށާއި ވަސީލަތްތައް ވެސް ގިނަ ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން އިތުރު ކަމެއް ކޮށްލަން ޖެހޭ ކަމަށެވެ. އެ ގޮތުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ކޯޓުން ބޭރުން ކަންކަން ނިންމުމުގެ ގާބިލުކަން އަދިވެސް ކުޑަ ކަމަށާއި މުއައްސަސާތަކާ އެނޫން ފަރާތްތަކުގެ މެދުގައި ވެސް ކޯޓަށް ނުގޮސް ކަންކަން ހައްލު ކުރުމުގެ ގާބިލުކަން އުފެއްދެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދެކެންވީ ހުރިހާ ކަމެއް ކޮށް ނިމުނީމާ ދެންވެސް ހައްލެއް ނެތުމުން ދެން އޮންނަ މަރުހަލާ ކަމަށް [ކޯޓަކީ] އެކަމަކު މިއަދު މިފެންނަނީ އެ މަންޒަރެއް ނޫން، އެންމެ ފުރަތަމަ ވެސް ކޯޓަށް. އަޅުގަނޑުމެން އެބަޖެހޭ ކުރިއަރާފައިވާ ގައުމުތަކުން ކަން ކުރާ ގޮތަކީ ކޮބައިތޯ ބަލަން އެންމެ ފުރަތަމަ ކޯޓަށްތޯ ދަނީ؟ ނޫން ކޯޓުން ބޭރުގައި ކަންކަން ހައްލު ކުރުމުގެ ނިޒާމްތައް އެބަހުރި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ކަންކަން ހައްލު ކުރުމުގެ ނިޒާމްތައް އެބަހުރި އެކަމަކީ ދައުލަތުގެ އެއްބާރާ އަނެއް ބާރާ ދެމެދުގައި އޮތް ކަމަށް ވަންޏާ އެ ދެމެދުގައި ކަންކަން ހައްލު ކުރުމުގެ ގާބިލުކަން އޮންނަން ޖެހޭނެ،"
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކާ ރައްޔިތުންގެ މަޖިލީހަކާ އެއްވެސް ކޯޅުމެއްނެތް ނެތް ކަމަށާއި ކޯޓްތަކަކީ ހަމައެކަނި މައްސަލަ ބަލާ ފަރާތް ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ވެސް މައްސަލަ ބަލާ ފަރާތް ކަމަށެވެ. އެހެން ކަމުން ނޫނެކޭ ނުބުނެވޭނެ ހާލަތްތައް ކޯޓްތަކަށާއި ސުޕްރީމް ކޯޓަށް އޮންނަ ކަމަށެވެ.
"ރައްޔިތަކު، އޭނާއާމެދު އަނިޔާވެރިވެއްޖެ ކަމަށް ބުނެ ކޯޓްގައި ޓަކި ޖެހީމާ އޭނާއަކަށް އަޅުގަޑުމެން ކޯޓްގެ ދޮރެއް ލައްޕައެއް ނުލާނަން [އެ ދޮރު] ހުޅުވިފައި ހުންނާނީ! އަޅުގަނޑު ރައްޔިތުންނަށް ކަށަވރުކޮށްދޭން ބޭނުން ވަނީ ކޮންމެ ރައްޔިތަކަށް ވަނީ ކޯޓްގެ ދޮރު ހުޅުވިފައޭ ރައްޔިތަކު އޭނާއާމެދު އަނިޔާވެރި ވެއްޖެ ކަމަށް ދެކޭ ކަމަށް ވަންޏާ ކޯޓްތަކުގެ ޓަކި ޖެހުމަކީ އޭނާގެ އަސާސީ ހައްގެކޭ އެހެންވީމާ އެދޮރު އަބަދުވެސް ހުޅުވިފައި ހުންނާނީ،"
ދޮރު ހުޅުވިފައި ވިޔަސް ފުރަތަމަ މުއައްސަސާތަކުގެ މެދުގައި ކަންކަން ހައްލު ކުރުމުގެ ގާބިލުކަން ބާއްވާން ޖެހޭ ކަމަށާއި ހުރިހާ ކަމެއް ނާކާމިޔާބު ނޫނީ ކޯޓަށް ވަޑައި ނުގަތުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދި ވަޑައިގަތެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ކޯޓަކަށް ކޮންމެ މީހަކު މައްސަލައެއް ލިޔަސް އެ މައްސަލައެއް ބެލުމަށްފަހު ކޯޓަށް ފެނަން ގޮތް ބުނާނެ ކަމަށާއި އެއީ ހުއްޓުން އަންނާނެ ކަމެއް ނޫން ކަމަށެވެ.
"އެއަކަށް އަޅުގަޑުމެން ޖެހިލުމެއް ނުވާނަން، ކޯޓަށް މައްސަލަ އައުމުގެ ކުރިން ހައްލު ކޮށްލަންވީ. އެކަމަކު ކޯޓަށް މައްސަލަ އަތުވެއްޖެވިއްޔާ ބަލާނެ ކޯޓަކީ ހަސްމެއް ނޫން. ކޯޓަކީ މައްސަލަ ބަލާ ފަރާތް، އެހެންވީމ ކޯޓަށް މައްސަލަ ވަނީމަ ބެލުމަށްފަހު ގާނޫނުގައި ދުސްތޫރުގައި ނޫނީ އުސޫލުތައް އަޅުގަނޑުމެން ކިޔައިދޭނަން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ