ޕާކިސްތާނުގެ ބޮޑު ވަޒީރު ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފި

ކޮރަޕްޝަނުގެ މައްސަލައިގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ރަޖާ ޕަރުވޭޒް އަޝްރަފް ހައްޔަރު ކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ، ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މިހާރު އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެނެވެ.
ޕާކިސްތާނުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޠާހިރުލް ގަދުރީ އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ މި މުޒާހަރާގައި ބައިވެރިން ދަނީ އާންމު އިންތިޚާބުގެ ކުރިން ސަރުކާރު އުވާލާ ސަރުކާރަށް ހިޔާނަތްތެރިވެފައިވާ އިސްވެރިން އިސްލާހު ކުރަން ގޮވާލަމުންނެވެ.
ބޮޑު ވަޒީރުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަން މައްސަލަތަކުގެ ތެރޭގައި 2010 ވަނަ އަހަރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މަޝްރޫޢު ފާސްކުރުމުގައި ފެނާއި ކަރަންޓާބެހޭ މިނިސްޓަރު އަތުން ރިޝްވަތު ނެގިކަމަށް ބުނާ މައްސަލައެއް ހިމެނިފައިވާއިރު، މި މައްސަލަ ބޮޑު ވަޒީރު އަޝްރަފް ވަނީ ދޮގު ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ސަރުކާރަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ބޮޑު ވަޒީރު އަޝްރަފްގެ އިތުރުން، 15 ވެރިޔަކު ހައްޔަރު ކުރުމަށް ވެސް އަމުރުކޮށްފައި ވެއެވެ.
ރަޖާ ޕަރުވޭޒް އަޝަރްފަކީ ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަޤާމުން މިދިޔަ އަހަރުގެ ޖޫންމަހު ދުރުކުރެއްވި ޔޫސުފް ރަޒާ ގިލާނީ އަށްފަހު އައްޔަނު ކުރެވުނު ބޮޑު ވަޒީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ