ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ޖުމުލަ 51 މައްސަލަ އެއް އަންނަނީ ބަލަމުން: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ޖުމުލަ 51 މައްސަލަ އެއް ބަލަމުން އަންނަކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.
ޖޭއެސްސީއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް އަދި ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ 3 މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ 4 ފަނޑިޔާރުންނާއި ގުޅޭ ޖުމުލަ 51 މައްސަލަ އަކީ، ރައްޔިތުންގެ މަޖިލީހާއި، ވެރިކަން ހިންގުމުގެ ބާރާއި، ދަށު ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި ގުޅޭ މައްސަލަތައްކަމަށެވެ. އަދި މިޝަކުވާތަކަކީ އާންމުން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުމަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ދެކޮޅުހަދަމުން ދާކަމަށެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ދުރުކުރުމުގެ މަސައްކަތް އުއްތަމަ ފަނޑިޔާރު ފައްޓަވާފައިވާކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުންވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރަކާއި ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެއްވެސް މަޑުޖެހުމެއްނެތި އެ މައްސަލައެއް ތަހުގީގު ކުރާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ