ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށާއި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ވެސް ނުގެނެވޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރެއްވި ވެރިއަކު ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރަން ބޭނުންވާނެ ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރި ވެރިއަކު ވެރިކަމުން ދުރުކުރުމަށް ބޭނުން ނުވާ ކަމަށާއި އެގޮތައް މަސައްކަތް ވެސް ނުކުރައްވާނެ ކަމަށެވެ.
'...އެއްގޮތަކަށް ވެސް އަޅުގަނޑުމެން މިތިބީކީ އެގޮތަށް ރައްޔިތުން ހޮވާފައި ހުރި މީހަކު ދުއްވާލާފައި އަނެއްކާ އޭނާގެ ބޯމައްޗަށް އަރާ ފިތާލާކަށެއް ނޫނޭ. އަޅުގަނޑުމެން އެ މަސައްކަތެއް ނުކުރާނަން. އާދެ، ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ އިރާދަކުރެއްވިއްޔާ، އަދި ސަރުކާރު ބަދުނާމު ކުރަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަމެއް ވެސް ވައިގައި ހިފައިގެން އެކަންތައްތައް ކުރެވޭ ހިސާބަކަށް ނުދާނެ.'' ގާސިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރަމުންދާނަމަ ސަރުކާރު ކުރިއަށްދާނީ ޖޭޕީގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ނަމަވެސް ވަކި ފަރާތަކަށް ނުވަތަ ވަކި ގައުމަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ވަކި މީހަކަށް އަނިޔާ ދިނުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގައި ހިޔާލު ތަފާތުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމުގައި ބުނަންޖެހޭ ހައްގު ބަސް ވެސް ބުނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ބަޔަކު އުޅޭކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ރައްޔިތުން ރާއްޖެއަށް ރިޔާސީ ނިޒާމެއް ގެނައީ މާޒީގައި ކަންތައްތައް ހިނގާފައި ހުރި ގޮތް ދެނެގަތުމަށްފަހު ކަމަށެވެ. އެހެންކަމުން މިގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަދި މިހާރު މިއޮތް ނިޒާމު ބަރުލަމާނީ އަކަށް ބަދަލެއް ވެސް ނުކުރެވޭނެ. އެއީކީ ވެސް ވާނެ ކަމެއް ނޫން. ރިޔާސީ ނިޒާމު އަޅުގަނޑުމެން ވިސްނައިގެން ފިކުރުކޮށްގެން ނެގީ މާޒީގައި ކަންތައްތައް ހިނގާފައި ހުރި ގޮތް ދެނެގަނެގެން، އެތަންތަން ދެކިގެން. މިހާރުވެސް ބައްލަވައިލައްވައި، އެތަނުން ބާރު މިތަނުން ބާރު އަޅައިގެން ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކު ތާށިކޮށްލާ ހިސާބަށް އެބަދޭ ބައެއް ކަންތައްތައް. ދެން ކިހިނެއްތޯ ކަމެއް ކުރާނީ،'' ގާސިމް ވިދާޅުވިއެވެ.
ސަރުކާރު ވައްޓައެއް ނުލެވޭނެ، ބަރުލަމާނީ ނިޒާމަކަށް ބަދަލެއް ވެސް ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ