އިސްލާމުދީނާ ކައިރިވެގެން ނޫން ގޮތަކަށް މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމު ކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް ސަރުކާރުގެ ބައެއް އިސްވެރިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަމުން ސަލާމަތް ކުރެވޭނީ އިސްލާމްދީނުގައި ގަދައަށް ހިފަހައްޓައިގެން ކަމަށާއި އެކަމަކީ ދިރާސާތަކުން ސާބިތުވާ ކަންކަން ކަމަށެވެ.
އޭގެ އިތުރުން އުމަރު ވަނީ، ހުޅަނގުގެ ގައުމުތަކުގައި މަސްތުގެ ވަބާއިން ސަލާމަތްވުމަށް ކުރަމުން ގެންދާ ފަރުވާ ތަކަކީ އަގު ބޮޑު ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރު ސާބިތުވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އިސްލާމް ދީނާ ކައިރިއަށް ދިވެހިން ޖެހިގެން މެނުވީ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް،" އުމަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގެންދަނީ އެ ވިޔަފާރި ކުރާ ގޮތަށް ބަދަލުތަކެއް ގެންނަމުން ކަމުން އެ މައްސަލައާ ކުރިމަތިލާނެ އާ ވިސްނުމަކާއި ތަސައްވަރެއް ބޭނުންވާ ކަމަށް އިއްޔެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ޒަމާނާ ގުޅޭ އިސްލާހުތަކެއް ގެންނަވާނެ ކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އަދި މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ދޮރުތައް ބަންދުކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުހައްގު ނަފާ ހޯދުމަށް ދަރީންގެ މުސްތަގުބަލު ހަލާކު ކުރަމުން ގެންދާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ގާނޫނުން ލާޒިމުކުރާ މަރުކަޒު މިހާތަނަށް ވެސް ގާއިމުކުރެވިފައި ނުވާތީ، އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވާކަން ހިތާމައާއެކުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް ގާނޫނުން ލާޒިމް ކުރާ އެ މަރުކަޒު އަޅާފައެއް ނުވެ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދިފައެއް ނުވެ އެވެ.
މަސްތުގެ ވަބާއިން ސަލާމަތް ކުރެވޭނީ އިސްލާމުދީނުގައި ގަދައަށް ހިފަހައްޓައިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ