ތިން ގަޑިއިރަށް ފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

މާލޭގެ ބޮޑު ބަޔަކުން ކުއްލި ގޮތަކަށް ކަރަންޓް ދިޔުމަށް ފަހު، ގާތްގަނޑަކަށް ތިން ގަޑިއިރަށް ފަހު އަލުން ކަރަންޓު ދީފި އެވެ. މިއަދު 5:00 ހާއިރު ކަރަންޓް ގޮސްފައި ވަނީ ހެންވޭރާއި ގަލޮޅާއި މައްޗަންގޯޅީ އަދި މާފަންނުގެ ބައެއް ހިސާބުތަކުން އެވެ.
ސްޓެލްކޯގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ކަރަންޓު ދިޔަ ސަބަބެއް އަދި ސާފެއް ނުވާ ކަމަށެވެ. ނަމަވެސް މިރޭ 7:05 ހާއިރު ހުރިހާ ސަރަހަށްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާ ގިނަ ބަޔަކު މަގުމައްޗައް ނިކުމެ ތިއްބެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ދެ ފަހަރެއްގެ މަތިން މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެއް ފަހަރު ޕެނަލް ބޯޑަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަދި ދެވަނަ ފަހަރު ކަރަންޓު ދިޔައީ ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެނެވެ. ސްޓެލްކޯގެ އިފިޝަލް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ފަހުން ހާމަ ކުރާނެ ކަމަށެވެ.
މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ދިރާސާއެއް ކުރުމަށް ވަނީ ބޭރު ބަޔަކާ ހަވާލު ކުރަން ނިންމާފަ އެވެ. އަދި އެ މައްސަލަ މުޅިން ހައްލު ކުރުމަށް އެ ކުންފުނިން ވަނީ ނިނިމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ