"ވަކި ގަޑިއެއްގައި އޭޖީ ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މައްސަލައެއް ނޫން"

ދައުލަތުގެ ބަންޑާރަ ނައިބަކީ ވެސް ޝަރުއީ ދާއިރާގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށްވާއިރު އެ ބޭފުޅާ ވަކި ގަޑިއެއްގައި ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މައްސަލައެއް އޮތް ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާރިފް ވިދާޅުވީ، ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެން ކަމަށް ބުނެ ފެތުރި ފޮޓޯއެއް ސޯޝަލް މީޑިއާއިން ދެކެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ބަންޑާރަ ނައިބު ކަން ސީދާ ސާފުނުވާ ކަމަށެވެ. ވާހަކައެއް ފަތުރާއިރު އެ ވާހަކައަކީ ތެދުކަން ޔަގީން ކުރަންޖެހޭނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ފޮޓޯ ދައުރުކުރި ނަމަވެސް އެއީ ވަރަށް ދުރުން ފެންނަން ހުރި ފޮޓޯއަކަށްވާތީ އެ ފޮޓޯ ވެރިފައި ކުރެވިފައިނުވާ ކަމަށާއި ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ރޭގަނޑު ވަޑައިގެންނެވިކަން ކަށަވަރުނުވި ނަމަވެސް އަދި އެކަން އެގޮތަށް ހިނގައިފައި އޮތް ނަމަވެސް އެއީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގަތީޔޯ، މިސާލަކަށް، ސުޕްރީމް ކޯޓާއި ބަންޑާރަ ނައިބާ އެއީ ޝަރުއީ ދާއިރާގައި ހިމެނޭ ބޭފުޅުން، އަޅުގަނޑުމެންނަކަށް ނޭނގޭ އެ ބޭފުޅުން އިންތިޒާމް ހަމަޖައްސާފަ އޮތިއްޔާ ހަމަ ވަޑައިގަންނަވަންވީ ނޫންތޯ، އެއީ ވަކި ގަޑިއެއް އޮންނަ ކަމެއް ނޫނޭ ނޫންތޯ،" އާރިފް ވިދާޅުވި އެވެ.
ބޮޑެތި މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ރޭގަނޑުގެ ލަސް ވަގުތުގައި ނެރުއްވާ ނެރުމަށް ތާއީދު ކުރައްވާ ވެސް އާރިފް ވާހަކަފުޅު ދެއްކެވި އެވެ. ވަކި ގަޑިއެއްގައި ހުކުމް އިއްވުމަކީ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރެވޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ފަނޑިޔާރު ނިދާފައި އޮތިއްޔާ އިންސާފު ނުލިބެންޏާ އެއީ ވަރަށް ދެރަކަމެއް، ފަނޑިޔާރު ޗުއްޓީގައި ހުންނެވިއާ އިންސާފު ނުލިބެންޏާ އެއީ ވަރަށް ދެރަ ކަމެއް، 24 ގަޑިއިރު ތެރޭގައި ދިވެހި ރައްޔިތުންނަށް އިންސާފު ހަމަކަމާއެކު ލިބެންޖެހޭނެ،" އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ، ރޭގަނޑު ހުކުމް ކުރުމަކީ ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ. އަވަށްޓެރި ގައުމުތަކާއި ބޮޑެތި ގައުމުތަކުން ވެސް އެ މަންޒަރު ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ