ގެއްލުމުގެ ބަދަލުގެ ގޮތުގައި ވިލާ އިން 110 މިލިއަން ޑޮލަރު ހޯދަން އޭސީސީން އަންގައިފި
ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ފިނޮޅުތަކާ ގުޅިގެން ސަރުކާރުން އެ ކުންފުނިތަކަށް ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 110 މިލިއަން ޑޮލަރު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފިއެވެ. ވިލާއަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ފިނޮޅުތަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭންޖެހޭގޮތަށް ސަރުކާރުން ސެޓްލްމެންޓް އެގްރީމެންޓެއް ހެދީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލުކޮށް އޭނާގެ ތަހުގީގެއް ހިންގާފައެވެ. އަދި މިހާރު އެ ކޮމިޝަނުން ވަނީ އެއީ އަދީބު ހިންގެވި ކޮރަޕްޝަންގެ އަމަލެއް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައެވެ. ސަރުކާރުން ވިލާއަށް ލުއިގޮތްތަކެއް ހަމަޖެއްސީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ކޮއްކޮއެއް ކަމަށްވާ އަލީ އިބްރާހީމަށް ދައުލަތުން 9.7 މިލިއަން ޑޮލަރު ދައްކަންޖެހުމުން، އެކަމާ ގުޅިގެން ދެ ފަރާތުން އެއްބަސްވާ ގޮތަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށެވެ. އެ އެއްބަސްވުންތައް ސަރުކާރުން ބާތިލްކުރުމުން ސިވިލް ކޯޓުން ވަނީ އެ އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ކަނޑައަޅާފައެވެ. ސިވިލް ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލާގައި އޭސީސީން ނިންމި ނިންމުމުގައި ވަނީ ހަ ތަނެއްގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 95 މިލިއަން ޑޮލަރު އެ އެއްބަސްވުންތަކުގެ ދަށުން ފަސް ކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުގެ މުއްދަތު އިތުރު ކުރުމުން ދޭންޖެހޭ ފީގެ ގޮތުގައި ލިބެން ޖެހޭ އިތުރު 15 މިލިއަން ޑޮލަރު ދައުލަތަށް ނުލިބިވާ ކަމަށް އޭސީސީން ވަނީ ނިންމާފައެވެ. ޓޫރިޒަމް ގާނޫނު އޭރު އޮތް ގޮތުން ބިމެއް ނުވަތަ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކޮށް ދެވެނީ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ ފީއެއް ނެގުމަށް ފަހު ކަމަށް އޭސީސީގެ ނިންމުމުގައިވެއެވެ. އޭސީސީގެ ނިންމުމުގައި ވަނީ ސެޓްލްމަންޓް އެއްބަސްވުންތަކުގެ ދަށުން އެ ތަންތަނުގެ ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރީ ފީ ނުނަގައި ކަމަށެވެ. ހަމައެހެންމެ އެތަންތަން ތަރައްގީކޮށް ހުޅުވަން ޖެހޭ ތާރީޚު ބަދަލުކޮށްފައިވަނީ ވެސް އެ ފީ ނެގުމެއް ނެތި 50 އަހަރަށް އެތަންތަން ދިނުމުގެ ބޭނުމުގައި ކަމަށް އެ ކޮމިޝަންގެ ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ