ޑްރަގާއި ގޭންގް ހުއްޓުވަން ޓެގް އަޅުވައި ކުއްތާ އިތުރު ކުރާނަން - އުމަރު

މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު ނެރުއްވި މަސްތުވާތަކެއްޗާއި ގޭންގްތަކާ ބެހޭ ސިޔާސަތާ ގުޅޭ ވީޑިއޯ މެސެޖެގައި ވިދާޅުވެފައިވަނީ، ހުރިހާ ކުށެއް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމުގެ ވާހަކަ ދައްކާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.
" ކޮންމެ ސަރުކާރަކުން ވެސް އެކަން ހުއްޓުވާނެ ކަމުގެ ވައުދުވޭ، ނަމަވެސް ހައްލުނުވޭ. އޭގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލި އެތައް ގޭންގްތަކެއް އުފެދި މީހުން މެރުން އާންމުވެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ހިތާމައިން ގައުމު ސަލާމަތް ކުރަން އެންމެން ތެދުވަންޖެހޭ ކަމަށާއި ކޮންމެ އަހަރަކު އެތަށް ޒުވާނުންނެއް ދަނީ މަސްތުވާތަކެތީގެ މަޅީގަ ޖެހެމުން ކަމަށާއި އަދި އެތަށް އާއިލާތަކެއް ގޮތް ހުސްވެ އެތަށް ދަރީންނެއް ދަނީ ޔަތީމުވަމުން ކަމަށެވެ.
ޖަލުގައި އެތައް ބަޔަކު ތިބިއިރު އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުން ކަމަށާއި ރިހެބިލިޓޭޝަން ސެންޓަރުން ޖާގަ ނުލިބި މިހާރު ވެސް ފަރުވާ ނުލިބި ގިނަ ބަޔަކު ކިޔޫގައި ތިބިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެތައް މައިންނެއް ދަނީ ކަރުނަ އަޅާ ހިތާމަކުރަމުން. މިކަމަށް ނިމުމެއް ގެންނަން ޖެހޭ. މުޅި ރާއްޖެ މި ވަބާއިން ސަލާމަތް ކުރަން ޖެހޭ. މިއީ އާދައިގެ ސިޔާސީ ބޭފުޅަކަށް ހައްލު ކުރެވޭ ވަރަށްވުރެ މާފުން މާގިނަ ދުވަސްވެފައިވާ މައްސަލައެއް. ލިބެން އޮތް ވޯޓެއް ގެއްލިދާނެތީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ޝިކާރަކައަށް ދިވެހި ޒުވާނުން ވެގެންދާތަން ބައްލަވަން އަތް އުރާލައިގެން ނުހުންނަވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ރިހެބިލިޓޭޝަން ނިންމާ މީހުންނަށް ވަޒީފާ ހޯދައިދީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް އަޅުގަނޑު ހޯދައިދޭނަން. އެފަދަ މީހުންގެ އަނބިދަރީންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން،" އަމުރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުނަށް ގާނޫނު ހުއްދަ ކުރާ އެންމެ މަތީ އަދަބު ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ކުއްތާގެ ފައުޖު އިތުރުކޮށް، ރާއްޖެއަށް އެތެރެވާ ދޮރުތައް ކައިރީގައި ކުއްތާތައް ހަރަކާތްތެރިވާނެ. ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންގެ ހަށިގަނޑު ޗެކްކުރުމަށް އެއާޕޯޓްތަކުގައި މެޝިން ބަހައްޓާނަން، " އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ