އެމްޑީޕީން ކުރިމަތިލައްވާފައި ހުރީ ޝަރުތުހަމަވާ ބޭފުޅެއް ނޫން: ގާސިމް

މި އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން، ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ބޭފުޅަކީ، އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.
ރިޝްވަތުގެ ކުށެއް ސާބިތުވެ ޖަލު ހުކުމެއް އިއްވުމާ އެކު، އަމިއްލަފުޅަށް ޖަރުމަންވިލާތަށް އަރުވާލެއްވިގެން ހުންނެވި ގާސިމު މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ "ގުޅިފައިވާ އިއްތިހާދުގެ ކޯލިޝަން ބައިވެރިންނަށް" މި ސުރުޚީގެ ދަށުން އޭނާ ނެރުއްވި ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ގާސިމު ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވާ އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ހުށައަޅަން ޖެހޭނީ "ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލު ކޮށްފައިވާ މައްސަލައެއްވެސް ނެތް، އަދި އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަންވެސް ނެތް ނަމެއް" ކަމަށެވެ. އަދި އެއީ އިދިކޮޅު ލީޑަރުންނާ، ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމާ، ރައްޔިތުންގެ ލާބައަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ގާސިމުގެ ބަޔާނުގައި ލިޔުއްވާފައިވެ އެވެ.
ގާސިމު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުގެ މަޝްްވަރާތަކަށް ހުރަސް އެޅުމަށް ޖޭޕީ އިން ނުވަތަ ގާސިމުވެސް މަސައްކަތެއް ނުކުރައްވާނެ އެވެ. ނަމަވެސް އެމްޑީޕީން "ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވަނީ މިއަދުގެ ހާލަތުގައި ޝަރުތު ހަމަވާ ކެންޑިޑޭޓެއް ނޫންކަން ހިތާމައާ އެކު ފާހަގަ ކުރާކަމަށް" އެ ބަޔާނުގައި އޭނާ ވިދާޅުވެއެވެ.
ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ގާސިމު ވިދާޅުވެފައި ވަނީ "މިއަދު ގުޅިފައިވާ ޕާޓީތަކުން އެކުގައި ތިބި ތިބުމުގައި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއަކުން ނުވަތަ ވަކިބޭފުޅަކު ހާމަކުރާކަމީ ރައްޔިތުންގެ ކުރިމަތީގައި މުޅި ކޯލިޝަން އެ ނަމުގައި އެޅޭފަދަ ކަންކަމެވެ. މިސާލަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ، ދެ ސަރުކާރެއް އެކުލަވާ ލުމުގެ ވާހަކަ، ބޭރު ބައެއްގެ އެހީގައި ވެރިކަން ބަދަލުކުރަން އުޅުމުގެ ހިޔާލަކީ ޖުމްހޫރީ ޕާޓީ ދުވަހަކުވެސް އެއްބަސްވާނެ އަދި ހިޔާލުކޮށް މަޝްވަރާ ކުރާނެ ކަންތައްތަކެއްވެސް ނޫނެވެ."
އަޅުގަނޑާއި އަދި ޖުމްހޫރީ ޕާޓީވެސް މިތިބީ ރައްޔިތުންނާއި ގައުމު، އަނިޔާވެރިކަމުން ސަލާމަތް ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ކަމަށް ޤާސިމު ވިދާޅުވެއެވެ. "އަދި މި ކޯލިޝަނާއި އިސްލާހީ ހަރަކާތްތެރިންގެ މަސައްކަތުގެ އުންމީދާއި އެއްގޮތަށް މި އަނިޔާވެރިކަމުން ސަލާމަތްވާން ޖޭޕީ އިން ދޭންޖެހުނު ދުލެއް ދީ، ޖޭޕީއަށް ތިޔަ ބޭފުޅުންނަށް އެއްބަސްވެވި ދެވޭ މަގާމަކަށް މިދެންނެވި އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހަޅާ ރައްޔިތުންނާއި ގައުމު އިސްކޮށް, އަދުގެ ހާލަތަށް ކެތްތެރިކަމާ ހިކުމަތްތެރިކަމާއެކު ގޮތެއް ނިންމަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަންވެސް ތިޔަ ހުރިހައި ބޭފުޅުންނަށް އަރުވާ" ކަމަށް ގާސިމު އިބުރާހީމު ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީ އިން އަނެއް ޕާޓީގެ ސިޔާސަތު ތަކަށް, ފާޅުގައި ބައެއް ފަރާތްްތަކުގެ ފާޑުކިޔުންތައް އަމާޒު ކުރައްވާފައިވާ ދަޑިވަޅެއްގައި ގާސިމު މިފަދަ އިން ވިދާޅުވި އިރު، އެމްޑީޕީގެ ރިޔާސީ ކެންޑީޓެއްގެ ގޮތުގައި، އެޕާޓީގެ އާންމު މެންބަރުންގެ 43،922 ވޯޓުން ކަނޑައަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމެއް އެބައޮތެ އެވެ. އެހެންވެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންނާ، އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދަނީ ކުއްވެރިންނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ