ޓީއެމްއޭ ނޫނަސް ސީޕްލޭން ޓާމިނަލް ހިންގާނެ މީހުން އެބަތިބި: ގާސިމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮޑު ހަރަދެއްކޮށްގެން ހަދަމުން އަންނަ ސީޕްލޭން ޓާމިނަލް ހިންގާނެ އެހެން އޮޕަރޭޓަރުން ވެސް އެބަތިބި ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީީ) ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި މާމިގިލީ ދާއިރާގެ ވެސް މެމްބަރު ގާސިމް ވިދާޅުވީ، ޓާމިނަލް ހަދަނީ ސީޕްލޭން ހިންގާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ކަމަށެވެ. ނަމަވެސް އިވުނީ، 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމާ ދެކޮޅަށް އަޑުއުފުލި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި އަޑު ކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަރު، ކޮމާޝަލް، މުޖުތަބާ ލަތީފު ކުއްލިއަކަށް ވަކިކުރީ ޓީއެމްއޭއަށް ޓާމިނަލް ދިނުމާ ހިޔާލު ތަފާތުވުމުން ކަމަށް، އެމްއޭސީއެލްގެ ބައެއް ޑިޕާޓްމަންޓްތަކުގެ ބައެއް ވެރިން، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނެފައިވެ އެވެ.
ނަމަވެސް އެ ވާހަކަ އެމްއޭސީއެލުން ދޮގުކުރެ އެވެ.
އެ ކުންފުނިން ބުނީ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށެވެ.
އެކަމަކު ގާސިމް ވިދާޅުވީ އެގޮތަށް މުވައްޒަފުން ވަކިކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އެގޮތަށް ކަންތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެ މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަ ކުރުމަށް ގޮވާލައްވައިފަ އެވެ.
TMA ah ternimal dheyn dhekolhu hedhi is dhe muvahzafaku vakikoffi
Mihaaru
"އެ ގޮތަށް ރައްޔިތުންނާ އަނިޔާވެރި ނުވާށޭ. ކޮންމެ ފަރާތަކުން ކަމަށް ވިޔަސް، މީހަކު އެއްޗެއް ބުނުމަކުން ވިޔަސް މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. ތަނެއްގެ އިހުލާސްތެރި ސީނިއާ މުވައްޒަފަކު ދައްކާ ވާހަކައަކުން އެ މީހަކަށް ލިބޭނެ އަދި އެކަމަށް އޮންނާނެ ނިކަމެތި ކަމެއް ވެސް ނޯންނާނެ. ނަމަވެސް އިއްޒަތްތެރި މަނިކުފާނު ތި ގޮތަށް ކަންތައް ކުރެއްވީމާ އެ އަރައިގަނެވެނީ ކޯންޗަކަށްތޯ މަނިކުފާނު ވިސްނާވަޑައިގަންނަވަން އެދެން،" ގާސިމް ވިދާޅުވި އެވެ.
"އިހުލާސްތެރިކަމާ އެކު ދަންނަވާލަން، ރައްޔިތުންގެ ހައްގުތަކަށޭ ތި އަރައިގަނެވެނީ. އަސާސީ ހައްގަކަށް ތި އަތް ބާނަނީ. އެހެން ނުހައްދަވާށޭ އަދަބުވެރިކަމާ އެކު ދަންނަވާލަން."
އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން އަންނަ ފްލައިމީގެ ވެސް ހިއްސާދާރު ގާސިމް ވިދާޅުވި ގޮތުގައި، ބޮޑު ހަރަދެއް ކޮށްގެން ސަރުކާރުން ހެދި ތަނެއް ޓީއެމްއޭއާ އެކަނި ހަވާލުކުރުމުން އާންމުން އެ ވާހަކަ ދައްކާނެ އެވެ. ކަންކަން ވިސްނޭ، އެނގޭ މީހުން އެއްޗެހި ވެސް ކިޔާނެ ކަމަށް ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ކައިރިން ބޯޓެއް ދަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އެ [ވާހަކަ] ދައްކަން ފެށީމާ ބަލަ ޑިމޮކްރަސީގެ އުސޫލުން ބޭރުވެ، މިނިވަންކަމެއް ވެސް ނެތް. ވަޒީފާ އިން ކަނޑާލަންވީ. އެހެން ނުހައްދަވާށޭ އަޅުގަނޑު ދަންނަވާނީ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ވާހަކަ ދައްކަން ވެސް އުނދަގޫވޭ. އަޅުގަނޑުމެން މިހާރު ވެސް ކޯލިޝަން ޕާޓްނަރު ވީމާ އުނދަގޫވާނެ."
ގާސިމްގެ ފްލައިމީ އަށް ސީޕްލޭންގެ ހިދުމަތް ދިނުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ދީފައި އޮންނަތާ މިހާރު ހަތް އަހަރުވެއްޖެ އެވެ.
ނަމަވެސް ހުޅުލެއިން ވަގުތީ ބިންކޮޅެއް ހޯދުމަށް އެމްއޭސީއެލްގައި އެދުމުން ވެސް އެ ފުރުސަތު ނުދިން ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ، ސީޕްލޭންގެ ޚިދުމަތަށް ފްލައިމީއަށް އަދި ނުކުމެވޭ ވަރު ނުވާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގޮވަމުން ދަނީ ޓީއެމްއޭއާ އެކަނި ސީޕްލޭން ޓާމިނަލް ހަވާލު ނުކުރުމަށް ކަމަށެވެ. އެކަން ކުރާނެ އެހެން އޮޕަރޭޓަރުން ވެސް އެބަތިބި ކަމަށް ވިދާޅުވި އެވެ.
ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ބައިވެރިވެވަަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިދިޔަ ހުރިހާ ފަހަރުތަކުގައި ވެސް އެކި ބޭފުޅުންނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް އިސްވެ މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ވިލާ އެއާ އަށް އެކަނި ވެސް 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ. އެއީ، ފްރާންސުން ގެނައި އާ ދެ ބޯޓަކަށް ފައިސާ ނުދެއްކި އެ ފޮނުވައިލަން ޖެހުމުންނެވެ. އެ ބޯޓަށް ފައިސާ ނުދެއްކުނީ ވިލާގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ބޯޓުތަކަށް އެޑްވާންސްގެ ގޮތުގައި 19 މިލިއަން ޑޮލަރު އޭރު ދެއްކި ކަމަށެވެ. ބާކީ 20 މިލިއަން ޑޮލަރު ފަހުން ދެއްކި ކަމަށް ވެސް ވިދާޅުވި އެވެ.
MACL in ethah haas million rufiyaa eh dhookohlaneetha?
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ