ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ދެން އޮންނަ ޖަލްސާ އެއްގައި ކުރިޔަށް ގެންދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިމައްސަލަ ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފައިވާއިރު، ވޯޓަށް އަހާނެކަމަށް އޮތީ ބެލެވިފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ނުވަތަ ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމުގެ މައްސަލަ އަށް މިއަދު ވޯޓަށް އަހާފައެއް ނުވެއެވެ. އަދި ވޯޓުގެ ވަގުތު ނިމިގެންދިއައިރުވެސް އެ މައްސަލައިގައި ވޯޓަށް ނޭހުމުން ބައެއް މެންބަރުން ވަނީ އެކަމާއި ސުވާލުކުރައްވާފައެވެ.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ވޯޓަށް އެހުން ދެން އޮންނަ ޖަލްސާ އެއްގައި ކުރިޔަށް ގެންދަވާނެކަމަށެވެ. މަޖިލީހުން ރިޔާސަތުން ވިދާޅުވީ އާންމު ގޮތެއްގައި ކޮމެޓީ ތަކުގެ ރިޕޯޓްގެ މަސައްކަތް ގެންދަނީ 1 އާއި 1:30 އާ ދެމެދު ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން އެޖެންޑާ ތަރުތީބުން ނޫންގޮތަކަށް ވޯޓަށް ދެވެން ނޯންނާތީ، ތަރުތީބު ދޫކޮށްލާފައި ވޯޓަށް އެހެން ނެތީ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ދެން އޮންނަ ޖަލްސާއެއްގައި ސުޕްރީމް ކޯޓުގެ ވޯޓަށް ދެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށް ރިޕޯޓް ތަޅުމަށް ފޮނުވާފައެވެ. ނަމަވެސް އެ ރިޕޯޓުގައި ކޮމިޓީން ވަކި ގޮތެއް ނިންމާފައި ނެތްކަން މީގެކުރިން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަނާޅައި އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ވެސް ނިންމެވިއެވެ.
ނަމަވެސް މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލެއްވުމަށް ރިޔާސަތުން އެނިންމެވުމާއި މެދު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވެފައި ވަނީ، ކޮމިޓީގެ މެންޑޭޓަކީ ޖޭއެސްސީން އަމަލުކޮށްފައިވަނީ އުސޫލާ އެއްގޮތަށްތޯ ބެލުން ކަމަށާއި އެކަން ކޮމެޓީން ވާނީ ނިންމާފައި ކަމަށެވެ. އެހެންކަމުން އަނެއްކާވެސް ކޮމިޓީއަށް މައްސަލަ ފޮނުވުމަކީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކައުންސެލް ޖެނެރަލްގެ ލަފާފުޅާއި އެކު މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އެ ރިޕޯޓު ފަހުން ވަނީ ހިމަނުއްވާފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް މަސައްކަތް ކުރަމުން ދަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، އެ މަގާމު ހުސްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރުހުންދިނުމުގެ މައްސަލަ އަނެއްކާވެސް ދެން އޮންނަ ޖަލްސާއެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ