މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2020 ފަސްކޮށްފި

މިމަހު 14ގައި ބޭއްވުމަށް ހަމަޖައްސާފައިވާ މަމެން އިންޓަ ސްކޫލް ސައިކްލިންގް ޗެމްޕިއަންޝިޕް 2020 ފަސްކޮށްފި އެވެ.
ބައިކް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުން ފަސްކޮށްފައިވަނީ އެޑިއުކޭޝަންް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާ އާއި ގުޅިގެން ކަމަށް ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓްރީ އަސްމާ ހަސަން "ވަން"އަށް މައުލޫމާތު ދިނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި ސާކިއުލާއެއްގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގާފައެވެ. އަދި މި ނިންމުމަކީ ރާއްޖެއިން ހިމަބިހި ފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮސިޓިވް ވެފައި ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ބިރު އޮތުމުން ދަރިވަރުން މި ބަލިތަކުން ރައްކާތެރިކުރުމަށް ދުރާލައި އެޅި ފިޔަވަޅެއް ކަމަށް އެޑިޔުކޭޝަނުން ވަނީ ބުނެފަ އެވެ.
އަސްމާ ވިދާޅުވީ އެޑިއުކޭޝަނުން މެއި 20ގެ ނިޔަލަށް ހުރި ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގާފައިވާއިރު، މި ނިންމުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތުމުން ދެން މުބާރާތް ބާއްވާނެ ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
މި ފަހަރުގެ ސައިކްލިންގް ޗެމްޕިއަންޝިޕް ގައި 18 ސްކޫލަކުން 750އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށް އަސްމާ ވިދާޅުވިއެވެ. އަދި މި ހަރަކާތް ރޭވީ ހުޅުމާލެ ސެންޓްރަލް ޕާކުކައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށް ކަމަށް އަސްމާ ވިދާޅުވިއެވެ.
މަމެން އިންޓާ ސްކޫލް ސައިކްލިންގް ޗެމްޕިއަންޝިޕް 2020 ގައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 13 އަހަރުން މަތީގެ ދަރިވަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ