ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ރައީސް މައުމޫން ދެކޮޅުކަމަށް އަޑު ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ކަމަށް އަޑު ފެތުރެން ފަށައިފިއެވެ. ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓުރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ "އެއިސްލާހަށް ޕީޕީއެމް ޕާލަމެންޓުރީ ގުރޫޕުން ތާއީދު ކުރެއްވުމަށް ނިންމެވުމުން ރައީސް މައުމޫން ހުންނެވީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި" ކަމަށެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާ ސުވާލުކުރުމުން ވިދާޅުވީ އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. ގާނުނޫ އަސާސީގެ 109 ވަނަ މާއްދާއަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް ކޮމެޓީއިންވެސް ވަނީ އެއިސްލާހު ފާސްކޮށްފައެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެރިކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ. ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 65 އަހަރު ކަމުގައިވާއިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 77 އަހަރެވެ. މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްވުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ. ސަރުކާރު ހިންގާ ޕީޕީއެމްގައި މިހާރު ތިއްބެވީ 44 މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި ތިއްބެވީ ފަސް މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ޖުމްލަ 49 މެމްބަރުން އެބަ ތިއްބެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާ އެއްކޮލަށް ޖުމްހޫރީ ޕާޓީއިން ވޯޓް ދިނުމަށް ނިންމާފައިވާއިރު އެޕާޓީގެ 11 މެމްބަރުން ވޯޓު ދީފިނަމަ ޖުމްލަ ވޯޓުގެ އަދަދު 60 އަރާނެ އެވެ. އިތުރަށް ބޭނުންވަނީ ހަތަރު ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ