މަޓީގެ ހުށަހެޅުމަކަށްވީ ބިމު ކުއްޔަށް ލުޔެއް ދިނުން

ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި އެޑްވާންސްކޮށް ސަރުކާރަށް ނަގާ، ޓޫރިޒަމް ލޭންޑް ރެންޓަށް ލުއި ގޮތް ތަކެއް ހަމަ ޖައްސައިދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން ސަރުކާރަށް ހުށަހަޅައިފި އެވެ.
ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރަން އެޅި ދާނެ ފިޔަވަޅުތައް ދެނެ ގަތުމަށް ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ޖަމިއްޔާ ތަކުން އިއްޔެ ވަނީ ސަރުކާރާއެކު މަޝްވަރާތަކެއް ފަށާފަ އެވެ.
އެ މަޝްވަރާ ތަކުގައި ބޯޓިން އެސޯސިއޭޝަނާއި ގެސްޓްހައުސް އެސޯސިއޭޝަނާއި ޓޫރިޒަމް ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާތައް ކަމަށްވާ އާޓާ އަދި މަޓާޓޯ އަދި މާޔާގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިން ހިމެނި ވަޑައިގަންނަވާ މަޓީ ވެސް ބައިވެރިވި އެވެ. މަޓީ ތަމްސީލް ކުރުމުގެ ގޮތުން ބައިވެރިވަޑައިގަތީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ
މަޝްވަރާގެ އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރި ވަޑައިގަތީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓްރު އިބްރާހިމް އަމީރާއި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މަޓީގެ ފަރާތުން ވަނީ ޓޫރިޒަމް ދާއިރާއަށް އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރަށް ހުށަހަޅާފަ އެވެ. އަދި އިއްޔެގެ އެ ބައްލުވުމުގައި މުޅީން ވެސް އޮތީ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމެވެ.
އެ ޖަމިއްޔާ އިން ވަނީ ޓޫރިޒަމް ރެންޓަށް ލުއި ގޮތް ތަކެއް ހަދައި ދިނުމާއި ސަރުކާރުން ނަގަން ނިންމާފައިވާ އިންކަމް ޓެކްސް ފަސް ކޮށް ދޭން ހުށަހަޅާފަ އެވެ.
ކޮވިޑް-19 އިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައި ވަނީ ޓޫރިޒަމް ސެކްޓާ އަށެވެ. މި ދާއިރާގައި ހިމެނޭ 200 ޓްރެވަލް ކުންފުނީގެ މަސަައްކަތް ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ. އަދި މި އިގްތިސޯދީ މި ދަތި ހާލަތު އައިއިރު ރާއްޖޭގައި 150 ރިސޯޓު ހިންގަމުން ދިޔަ ނަމަވެސް މިހާތަނަށް 50 ރިސޯޓެއް ވަނީ ބަންދު ކޮށްފަ އެވެ. އޭގެ ސަބަބުން ޓޫރިޒަމް ސެކްޓާއަށް އެކަނި ލިބޭ ގެއްލުން 600 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ