ޓްރިޕޮލީގައި ދިރިއުޅޭ 2 މިލިއަނަށް ވުރެ ގިނަ މީހުން ފެނާއި ކަރަންޓު ނެތިފައި

އިދިކޮޅު ޖަމާއަތަކުން ޓްރިޕޮލީއަށް ދިން ހަމަލާއެއްގައި ގެއެއް ވެއްޓިފައިލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) އާއި އެރަށުގެ ވަށައިގެންވާ އަވަށްތަަކުގެ މީހުން ތިބީ ފެނާއި ކަރަންޓުން މަހުރޫމުވެފައި ކަމަށް ލީބިޔާގައި ހުންނަ އދ. ގެ މިޝަނުން ބުނެފިއެވެ.
އދ.ން ވަނީ ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ހަނގުރާމައިިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވައިލާފައެވެ.
"ޓްރިޕޮލީއާއި އެރަށުގައި ވަށައިގެން ހުރި އަވަށްތަކުގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ މީހުން، އެ މީހުންގެ ތެރޭގައި 6 ލައްކައަށްވުރެ ގިނަ ކުޑަކުދިން ހިމެނޭހެން، ފެންނެތި އުޅެމުންދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ." ޓްރިޕޮލީގައި ހުންނަ އދ.ގެ މިޝަނުން އެ މިޝަނުގެ ރަސްމީ ވެބްސައިޓުގައި އާއްމުކުރި ބަޔާނެއްގައި ވެއެވެ.
އދ.ން އިތުރަށް ބުނި ގޮތުގައި، ޓްރިޕޮލީން ފެން ކަނޑާލާފައި މިވަނީ ޓްރިޕޮލީ ހިމެނޭ ހުޅަނގު ލީބިޔާގެ ބޮޑު ބަޔަކުން ކަރަންޓުވެސް ކަނޑާލާފައި ވަނިކޮށެވެ.
ލީބިޔާއަށް ފެން ފޯރުކޮށްދޭ މައިގަނޑު ވަސީލަަތް ކަމުގައިވާ ދަ ގްރޭޓް މޭން މޭޑް ރިވަރ ޕްރޮޖެކްޓްގެ ބަޔާނެއްގައި ވާގޮތުން ހަތިޔާރުއެޅި ޖަމާއަތަކުން ވަނީ ފާއިތުވި ހޯމަ ދުވަހު ޓްރިޕޮލީގައި ކައިރީގައި އޮންނަ ޝުވައިރިފްގައި ހުރި ޕަންޕިންގ ސްޓޭޝަނަކަށް ވަދެ އެތަނުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައި މަޖުބޫރުކޮށްގެން ޓްރިޕްލީއަށް ފޮނުވާ ފެން ބަންދުކޮށްފައެވެ.
ލިބިޔާގައި ހުންނަވާ، އދ. އިންސާނީ އެހީއާ ބެހޭ ކޯޑިނޭޓަރު ޔަޢުޤޫބު ހިލޯ ވިދާޅުވިގޮތުގައި ހަތިޔާރުއެޅި ޖަމާއަތުން އެކަން ކޮށްފައި ވަނީ ލީބިޔާ ސަރުކާރުން ހިފަހައްޓާފައިވާ އެމީހުންގެ އާއިލާގެ ބަޔަކު ދޫކޮށްލުމަށް ސަރުކާރަށް ފިއްތުން ކުރިމަތިކުރުމުގެ ބޭނުމުގައެވެ.
ސުލްހަވެރިގޮތުގައި މި މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައި ވާކަންވެސް ހިލޯ ފާހަގަކުރެއްވިއެވެ.
ހަތިޔާރުއެޅި އެހެން ޖަމާއަތަކުން ވަނީ ޓްރިޕޮލީއަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެތަކަށް ހަކަތައިގެ ގޮތުގައި ބޭނުންކުރާ ގޭސް ހޮޅި ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ޓްރިޕޮލީގެ ބޮޑު ސަރަހައްދެއްގައި ކަަރަންޓު ނެތެވެ.
2011 ވަނަ އަހަރު ކާނަލް މުޢައްމަރުލް ޤައްޒާފިީގެ ވެރިކަން ވައްޓާލިފަހުން ލީބިޔާ ވަނީ ދާޚިލީ ހަނގުރާމައިގެ ތެރޭގައެވެ.
Like
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ