ލަންކާގައި ސޯޝަލް ޑިސްޓެންސިންއާ ޚިލާފުވެއްޖެ ނަމަ ހައްޔަރު ކުރާނެ

ކޮލަމްބޯ (މެއި 26) - ސްރީ ލަންކާގައި މިއަދުން ފެށިގެން ސޯޝަލް ޑިސްޓެންސިންއާ ޚިލާފުވެ އަދި ފޭސްކް މާސްކް ނާޅައި އުޅޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް މިހާރު ދީފައިވާ ކަމަށް ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޖިތު ރޯހަނާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެ ބާރުތައް ފުލުހުނަށް ދީފައި ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަނިލް ޖަސިންހަ ނެރުއްވި ސާކިއުލާއަކުން ކަމަށެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް މާޗް 20 އިން ފެށިގެން ލަންކާގައި އިއުލާންކުރި ކާފިއު އަށް މިއަދުން ފެށިގެން ވަނީ ވަރަށް ބޮޑު ލުޔެއް ދޭން ނިންމައިފަ އެވެ. ނަމަވެސް ކޮންމެ ރެއަކު ވެސް 10 އިން ފަތިހު 4 އާ ހަމައަށް ކާފިއު ދެމި އޮންނާނެ އެވެ.
މާސްކް ނާޅައި އަދި ސޯޝަލް ޑިސްޓެންސިންއާ ޚިލާފަށް އުޅޭ މީހުން ބެލުމަށް ތިން ޝިފްޓަށް ބަހާލައިގެން 55،000 ފުލުހުން ޑިއުޓީ އަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އިންޓަލިޖެންސް ޔުނިޓްތަކާއި ސީސީޓީވީ ކެމެރާތަކުން ވެސް މޮނިޓާ ކުރަމުން ގެންދާނެ އެވެ.
ސަލާމަތީ އޮފިޝަލަކު، ސްރީ ލަންކާގައި ބޭރަށް ނުކުމެ އުޅުނު މީހެއްގެ ހުން ބަލަނީ. --ފޮޓޯ:އޭއެފްޕީ
ރޯހަނާ ވިދާޅުވީ ކަރަންޓީނު ގާނޫނާ ޚިލާފުވާ މީހުން ހައްޔަރު ކުރުމަށް ފަހު ވީޑިއޯ ހެއްކާ އެކު އެ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ލޮކްޑައުން ލުއިކުރި ނަމަވެސް ވެރިރަށް ކޮލަމްބޯ އާއި ގަމްޕަހާ އަށް ވަދެ ނުކުމެވޭނީ ރަސްމީ ކަމެއްގައި ނުވަތަ މެޑިކަލް ކަމެއްގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ފެކްޓަރީތަކާއި އޮފީސްތަކާއި ފިހާރަތައް ވެސް މިއަދު ހުޅުވާ އިރު ހެލްތު މިނިސްޓްރީގެ ގައިޑްލައިންތަކަށް ތަބާވުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އޮފީހުގެ މީޑިއާ ޑިވިޝަނުން ވެސް ވަނީ އަންގައިފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 1,182 މީހުން ޕޮޒިޓިވްވެ 10 މީހުން މަރުވެފަ އެވެ. އެންމެ ފަހުން މަރުވެފައި ވަނީ ކުވޭތުން ދިޔަ 51 އަހަރުގެ އަންހެނެކެވެ. ހިތުގެ މައްސަލަ ހުންނަ އެ މީހާ މަރުވީ ޓްރިންކޮމަލީގެ ކަރަންޓީން ފެސިލިޓީއެއްގައި ހުއްޓަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ