ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކީ މުޅި ދުނިޔެއިން މަރުހަބާ ކިޔާފައިވާ އަމުރެއް ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މައްޗަށްގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ މާރިޔާ މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން މުޅި ދުނިޔެއިން ރާއްޖެއަށް މަލާމާތްކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހދ. ނޮޅިވަރަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާތީ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރަށް މުޅި ދުނިޔެ މަލާމާތް ކުރާ ކަމަށް ވިދާޅުވަނީ ރައީސް ޔާމީން އެކަނި ކަމަށެވެ. ދުނިޔޭގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ އދ. އާއި އީޔޫ ފަދަ ޖަމިއްޔާތަކުންނާއި ބޮޑެތި ގައުމުތަކުން އެކެއް ފެބްރުއަރީގެ އަމުރަށް މަރުހަބާ ކިޔާ، އެ އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވިޔަސް ރައީސް ޔާމީން ވިދާޅުވަނީ ދުނިޔެ މަލާމާތްކުރާ ހުކުމެކޭ އެކެއް ފެބްރުއަރީގައި އެ ފަސް ފަނޑިޔާރުން އިއްތިފާގުވެ އެ ނެރުއްވީ،" ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރަށް މުޅި ދުނިޔެ މަލާމާތްކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސް ޔާމީނަށް ތާއީދުކުރައްވާ މެންބަރުން އެކަނި ތިއްބަވައިގެން މަޖިލީހުން ރުހުން ދެއްވައިގެން އުއްތަމަ ފަނޑިޔާރަކަށް މިހާރު އައްޔަންކުރައްވާފައިވާ ބޭފުޅާ އަކީ ވެސް އެ އަމުރު ނެރުމަށް ސޮއި ކުރެއްވި ބޭފުޅެއް ކަމަށެވެ. މީގެއިތުރުން މިއަމުރު ނެރުމަށް ސޮއި ކުރެއްވި އިތުރު ތިން ފަނޑިޔާރަކު މިވަގުތުވެސް ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވާކަން ވެސް މާރިޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުވަތަ ސުޕްރީމް ކޯޓުގެ ހުކުމާއި އަމުރުތަކަށް އާންމު މީހަކު ވިޔަސް ނުވަަތަ މީޑިއާ އަކުން ވިޔަސް ފާޑުކިޔައިފިނަމަ ފިޔަވަޅު އަޅާ ކަމަށާއި ނަމަވެސް ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަލާމާތް ރައްދުވާ ގޮތަށް އަދި ސުޕްރީމް ކޯޓުގެ ނިންމުމަކަށް ފާޑު ވިދާޅުވާއިރު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް މީގެ ކުރިން އެއްވެސް ފަރާތަކުން ހިލާފުވެފައި ނުވާ ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާނުވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރަކީ ސިޔާސީ ބޭފުޅުންތަކެއް ރިޝްވަތު ދެއްވައިގެން ނެރުނު އަމުރެއް ކަމަށް ބުނެ ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުކުރަން މިއަދާ ހަމައަށްވެސް ދެކޮޅު ހަދާފަ އެވެ. އަދި އެ އަމުރު ނެރުނުއިރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި ދައުވާ އުފުލާ މިހާރު ވަނީ އެ ދެބޭފުޅުންގެ މަގާމު ގެއްލުވާލާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކީ މުޅި ދުނިޔެއިން މަރުހަބާ ކިޔާފައިވާ އަމުރެއް: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ