ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ސޮއިކުރައްވާ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރުގެ ސަބަބުން މުޅި ދުނިޔެއިން ރާއްޖެއަށް މަލާމާތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އަމުރުގައި ބައިވެރިވި ފަނޑިޔާރުންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވަނީ ޝަރުއީ ދާއިރާގެ އެންމެ ފަހު މަރުހަލާގައި ކަންކަން ނިންމަން ތިބޭ ފަނޑިޔާރުންގެ އަގަކީ ބޭރުގެ ގައުމަކުން އެންމެ ފްލެޓެއް ލިބޭ އަގުތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
"ސްޕްރީމް ކޯޓުން އެ ކުރެއްވި ކަންތަކާ ގުޅިގެން މުޅި ދުނިޔެ ރާއްޖެއަށް މަލާމާތް ކުރޭ. ކޮބައިތޯ އަޅުގަނޑުމެންގެ އަގަކީ. އެޕާޓުމެންޓެއްތޯ؟ މިއީތޯ އެންމެ ފަހު މަރުހަލާގައި ފައިސަލާކޮށް ނިންމަން ތިބި މީހުންގެ އަގަކީ؟ މިއީ ދިވެހި ދައުލަތް. މިދައްކަނީ މީހަކަށް ބޮލަކަށް ޖެހޭ ވަރު 10000 ޑޮލަރަށް ހިނގައްޖެއޭ. މިއަދު މިދައްކަނީ ރާއްޖޭގައި ބިޔަ ބޮޑެތި ބުރިޖު އަޅާ ވާހަކަ. މިދައްކަނީ 1000 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އެއާޕޯޓު ހަދާ ވާހަކަ. އެކަމަކު މިދަނީ ކަންކަން ނިންމަން އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުން ރާއްޖެއިން ބޭރުން އެންމެ ފްލެޓަކަށް އެމީހުންގެ ހުރިހާ ކަރާމާތެއް ގެއްލުވާލި ވާހަކަ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ އިތުރުން ސިފައިންނާ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މިފަދަ ކަންކަމުން ދިވެހި ރައްޔިތުން ފިލާވަޅު ލިބިގަންނަން ގޮވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަނުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ބޭރުގެ ބަޔަކު ދިވެހިންނަށް ހެޔޮއެދިގެން ނާންނާނެ ކަމަށެވެ.
ނުހައްގުން ދައުވާކޮށް ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި މިނިވަންކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވާ ރައީސް ޔާމީން ވަނީ އިބޫއަށް ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ތަަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށާއި ރާއްޖޭގެ ރަށްތަކަކީ މުޖުރިމުން ގިނަ ރަށްތަކަކަށް ވުމަށް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ހެދި މުޅި ދުނިޔެ ރާއްޖެއަށް މަލާމާތްކުރޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ