ޕީޕީއެމް ދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށްކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމާއި ގާނޫނީ މެދު އެތައް ސުވާލުތަކެއް އުފެދިފައިވާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިޚާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް ގާނޫނީ ހުސްކަމެއްގެ ތެރެެއަށް ގޮސްފައިވާކަން ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނަށް އެޑްރެސްކުރައްވާ މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސްގެ ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި "ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލު ކުރެވޭގޮތަށް ބާއްވާ އާންމު ގައުމީ ޖަލްސާއެއް، ކޮންމެ ދޭއް ބައި އަހަރަކުން އެއް ފަހަރު ބާއްވަންވާނެ" ކަމަށާ އަދި އެގަވާއިދުގެ 81 ވަނަ މާއްދާގެ (ހ) ގައި " މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މިގަވާއިދުގެ ދަށުން އިންތިޚާބުކުރާ މަގާމުތަކުގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަސް" ކަމަށް ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން، 17 ވަނަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2013 ގައި ނިޔަލަށް ބޭއްވުނު ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިޚާބު ކޮށްފައިވާއިރު، އެ ޖަލްސާއިން އިންތިޚާބު ކުރެވުން ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ މުއްދަތު، 19 ޖަނަވަރީ 2018 އަށް 5 އަހަރު ހަމަވެފައިވާކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ މި ސަބަބަށްޓަކައި ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު ހަމަވެފައިވާތީވެ، ޕާޓީގެ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރެވޭކަމަށެވެ.
މިކަމުގައި ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރުމާއިއެކު، ޕާޓީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް މިކަންކަން ގެންނަކަމަށް މައުމޫންގެ ސިޓީގައި ވިދާޅުވެފައެވެ. އަދި ޕާޓީގެ އިންތިޚާބު ކޮމިޓީގެ ދައުރުވެސް ހަމަވާނެތީވެ، ޕާޓީ ގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމެރީއެއް ބޭއްވޭނެ ގޮތެއް ވެސް ނެތްކަމަށާ ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓެއް ނެރުމާއި މެދުވެސް ގާނޫނީ އެތައް ސުވާލު ތަކެއް އުފެދިއްޖެ ކަން ފާހަގަކުރައްވާކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ގަބޫލްކުރައްވާ ގޮތުގައި ޕީޕީއެމް ދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށްކަމަށާ އެހެންކަމުން ޕާޓީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މި ކަންކަން އެކޮމިޝަންގެ ސަމާލުކަމަށް ގެންނަކަމަށެވެ.
ޕީޕީއެމް ދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށްކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމާއި ގާނޫނީ މެދު އެތައް ސުވާލުތަކެއް އުފެދިފައިވާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިޚާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާއިރު، ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާކަމަށް އެޕާޓީގެ ރައީސް މުސްތަޝާރު ފެކްޝަނުން ވަނީ ބުނެފައެވެ.
ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމާމެދު އެތައް ސުވާލުތަކެއް އުފެދިއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ