ސްކޫލް އެޑޮޕްޝަން ޕްރޮގްރާމްގެ ބ. އަތޮޅު ސްކޫލްތަކުގެ މަޝްވަރާތައް ފަށައިފި

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ބ. އަތޮޅުގެ ސްކޫލްތަކަށް ހާއްސަކޮށްގެން ބާއްވާ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމާބެހޭ މަޝްވަރާ ބައްދަލުވުން ފަށައިފި އެވެ.
މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާއިމެދު މަޝްވަރާކުރެވި، އެނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.
މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސާނަވީ ތަޢުލީމު ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މިޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ހާއްސަކޮށްގެންނެވެ. ހާއްސަ ސަމާލުކަމެއް ދީގެން ކުރެވުނު މަސައްކަތްތަކުން، ކ. އަތޮޅުގެ ހުރިހާ ސްކޫލަކުންވެސް މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
ކ. އަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަދި ނ. އަތޮޅަށް ފަށާފައިވާއިރު، ހދ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް މިއަހަރުގެ ތެރޭގައި މި ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ