ފާރިސް ބަންދުކޮށްގެން އުޅެނީ ސިޔާސީގޮތުން ފެއްޓެވި މަސައްކަތް ހުއްޓުވަން: މައުމޫން ހަމީދު

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓައިގެން އުޅެނީ ސިޔާސީގޮތުން ފާރިސް ފަށްޓަވާފައިވާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ، ފާރިސްގެ ވަކީލުން މިއަދު ހ. ތެމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސް ބަންދުގައި ބަހައްޓާފައިވަނީ ޣައިރުގާނޫނީ ގޮތުން ކަމަށާއި އޭނާގެ ދައުވާއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ މުއްސަސާތަކުން ދީފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ސިޔާސީގޮތުން ފަށާފައިވާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މުއްދަތު ހަމަވިއިރުވެސް ގަވާއިދު ހެދިފައި ނެތުމަކީ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުން ކަމަށާއި މުއައްސަސާތަކުގެ ބޭފުޅުން ވެސް އެކަމާމެދު ވިސްނަންޖެހޭ ކަމަށެވެ. މުއައްސަސާތަކުގެ އިސް ބޭފުޅުންނާމެދު ޖިނާއީ ދައުވާއެއް އުފުލުންފަދަ ކަމެއް ހިނގުމުގެކުރިން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ގޮވާލައްވާ ކަމަށެވެ.
ފާރިސް މައުމޫން ބަންދުގައި ހުންނަވާތާ 82 ދުވަސް ވެފައިވާއިރު މިމުއްދަތުގެ ތެރޭގައި ވަކީލުންނާ ފާރިސްއާ ބައްދަލު ކުރެއްވުނީ އެންމެ ހަތްފަހަރުކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވީ ދިފާއު ބިނާކުރުމަށް އިތުރު ފުރުސަތު ނުލިބޭ ކަމަށާ އެފުރުސަތު ލިބޭނެ ގޮތަކަށް ކޯޓުން އަމުރުކޮށް ދެއްވުމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ މަޖިލީހުުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުވުމަކީ ފާރިސްގެ ހައްގެއް ކަމަށާއި އެއީ އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންނާ ވެސް ގުޅުންހުރި ހައްގެއް ކަމަށެވެ. އޭނާ މަޖިލީހަށް ހާޒިރުކޮށްނުދޭން ކުރާ ކޮންމެ މަސައްކަތަކީ ދައުލަތަށް ހިންގުމަށް އަޅާ ހުރަހެއް ކަމަށާއި އަދި އެއީ ޖިނާއީ ކުށެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނުގައި ބުނާގޮތުން ހުރިހާ އެންމެންވެސް އަމަލު ކުރަންޖެހޭނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ފާރިސްއާއިމެދު ކަންހިނގާފައިވާ ގޮތަށް ބަލާއިރު ގާނޫނާއި ގަވާއިދާއި އެއްގޮތަށް އެއްވެސް ފަރާތަކުން އަމަލު ކޮށްފައިނުވާކަން ހިތާމަޔާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ފާރިސްގެ މައްސަލާގައި މިހާތަނަށް އެކި މުއައްސަސާތަކަށް 70 ވަރަކަށް ސިޓީ ފޮނުވިއިރު އޭގެ ތެރެއިން ޖަވާބު ލިބުނީ ފަސްވަރަކަށް ސިޓީއަށް ކަމަށާއި ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދޭ މައްސަލާގައި މަޖިލީހުގެ އިދާރާއިން ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ފާރިސް މަޖިލީހަށް ހާޒިރުވުމަށް ހުރަސް ނޭޅުމުގެގޮތުން ޝަރީއަތުގެ އަޑުއެހުމެއް ފަސްކޮށްލުމުން ވެސް އޭނާ މަޖިލީހަށް ނުގެންގޮސް، ޖަލަށް ގެންދިޔަކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފާރިސްގެ ގަނޫނީ ވަކީލް މައުމޫން ހަމީދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އަދިވެސް ހަދާފައި ނުވުމާއެކު ފާރިސްގެ މައްސަލަ މަޑުޖައްސާލަން އެދިވަޑައިގަންނަވާފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ގަވާއިދުތައް ހަދަންޖެހޭނީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި ސުޕްރީމް ކޯޓުންނެވެ.
ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ފާރިސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފާރިސްގެ މައްސަލައިގެ އިތުރުން ޖިނާއީ އެހެން ޝަރީއަތްތައް ވެސް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ގަވާއިދު ނެތި ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ދައުވާލިބޭ ހުރިހާ ފަރާތްތަކަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، އޭގެ ޒިންމާ ދައުލަތުން އުފުލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފާރިސް މިހާރުވެސް ހުންނެވީ ޣައިރުގާނޫނީ ބަންދެއްގައި ކަމުން ފާރިސްއާއި ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތު ނުލިބި ފާރިސްގެ އެތައް ހައްގުތަކެއް ގެއްލިގެންދާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި ފާރިސްއަށް އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނެ ކަމާމެދު އުއްމީދު ނުކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ހަމީދުގެ އެވާހަކަތަކަށް ޖަވާބު ދެއްވަމުން މިއަދުގެ ރިޔާސަތު ބެލެހެއްޓެވި ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ފާރިސް ބަންދުކޮށްފައި ހުރީ ޝަހުސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެން ނޫން ކަމަށާ ހައްޔަރުކޮށްފައި ހުރީ އެހެން މައްސަލައެއްގައި ކަމުން ފާރިސް ދޫކޮށްލުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަދި ފާރިސްއަށް އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސް ދެއްވާނެކަމުގެ ޔަގީންކަން ގާޒީ ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ