ގާނޫނީ ހުސްކަމަށް ހައްލު ހޯދައިދިނުމަށް ސުޕްރީމް ކޯޓަށް ސައުދު ގޮވާލައްވައިފި

ރާއްޖެއަށް ދިމާވެފައިވާ ގާނޫނީ ހުސްކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ސުޕްރީމް ކޯޓަށް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގާނުނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާލައްވާ ކަމަށެވެ. ގާނޫނޫއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ބާރު ކެނޑިއްޖެ ކަމަށާއި ސުޕްރީމް ކޯޓުން ގާނޫނީ ހުސްކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާއްލައްވާ ކަމަށް ސައުދު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ވަޒީރަަކަށް ވިޔަސް، މިނިވަން މުއައްސަސާއަކަށް ވިޔަސް، ފަނޑިޔާރަކަށް ވިޔަސް، ޕީޖީއަށް ވިޔަސް މަސައްކަތް ކުރައްވަނީ ހަމައާއި އިންސާފުން ނޫން ކަމަށާއި މިއީ ވަރަށް ދެރަކަމެއް ކަމަށެވެ. ގާނޫނާ ޚިލާފަށް ކަންކަން ކުރުމުގެ ބާރު އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަަމަށާއި އެފަރާތްތައް ހުއްޓުވުމަށް ރާއްޖޭގެ އެންމެމަތީ ކޯޓުން ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަންޖެހޭ ކަަމަށް ސައުދު ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވެއްޖެ އިލެކްޝަންސް ކޮމިޝަނުން. ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނާ ޚިލާފަށް ނިންމިތާ 60 ދުވަސް ވެއްޖެ. އެމުއްދަތުގައި އިންތިޚާބެއް ބޭއްވުމަށްޓަކައި ކުރިމަތިލުމަށްވެސް ހުޅުވާލާފައެއް ނުވޭ. އެހެންވީމަ ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭ. ގާނޫނީ އިމުން ބޭރުވެފައިވާ މުއައްސަސާތަކާމެދު ފިޔަވަޅު އަޅާނީ ކޮން ފަރާތަކުންތޯ" ސައުދު ވިދާޅުވިއެވެ.
ސައުދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަވަހަށް ބާއްވައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ މަޖިލީހުގެ އެއްވެސް ގޮނޑިއެއް ހުސްނުވާ ކަމަށާއި ހުސްވެއްޖެ ކަމަށްބުނެ ދައްކާ ވާހަކައަކީ ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
ރައްޔިތުން ނިކުމެ ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވައްދަންޖެހޭ ކަަމަށް ވެސް ސައުދު ވިދާޅުވިއެވެ. ފްލެޓު ދިނުމުގެ ކަންތައްވެސް ކޮށްފައިވަނީ ރަދުން ހަނޑޫބަހާ އުސޫލުން ކަމަށާއި ފްލެޓު ދިނުމަށް އެންމެ ފުރަތަމަ ހައުސިން މިނިސްޓްރީން ކަނޑައެޅި ލިސްޓު ގުޅިފައިވާ ޕާޓީތަކުން ވަަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ އިންސާފު ނުލިބިގެން ރައްޔިތުން ދަނީ އާދޭސް ދަންނަވަމުން ކަމަށެވެ. ވަހީދު ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެމްބަރުކަމަށް އޭނަ އިންތިޚާބުވެފައިވާކަން ކަމާގުޅުންހުރި ހުރިހާ މުއައްސަސާއަކުންވެސް ގަބޫލުކޮށްފައިވާ ކަަމަށާއި ގޮނޑި ގެއްލިއްޖެ ކަަމަށް ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ގާނުނީ ވާޖިބު އަދާކުރެއްވުމުން އެކަމާ ހިތްހަމަނުޖެހިގެން ބަޔަކު މައްސަލަތަކެއް އުފެއްދައިގެން ކަަމަށެވެ. ގޮނޑި ގެއްލިއްޖެ ކަަމށް ބުނާ ބުނުމަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އެނގޭ ކަމަށް ވަހީދު ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނަށް ކަޑައެޅިގެން ޔަގީންވޭ އަޅުގަނޑުމެންނަނީ ޕީޕީއެމްގެ މެމްބަރުން ނޫންކަން ޕީޕީއެމުން އަންގާފައިވާކަން. އެއީ އަޅުގަނޑުމެނަށް އެޑްރެސްކޮށް ފޮނުވި ސިޓީއަކުން ވިޔަސް އެކަން އެނގިފައި އޮތީ. ދެން ކިހިނެއްތޯ މާކުރިން ކަނޑާލާފައި ތިބި ބަޔަކު ދެވަނަ ފަހަރަށް ކަނޑާލާފައި ފޮނުވީމަ އެއަށް އަމަލުކުރީ. އެއީ ގާނޫނާ ޚިލާފަށް ކޮމިޝަނުން ކޮށްފައި އޮތް ކަމެއް" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއްކަން ސުޕްރީމް ކޯޓުގެ ނިންމުމުން ވަރަށް ސާފު ކަމަށެވެ. އެބޭފުޅުންގެ ގޮނޑި ހުސްވެއްޖެ ކަަމަށް ކޮމިޝަނުން ނިންމީ ހުސްނުވަނީސް ކަމަށާއި އަދި އޭގެ ފަހުންވެސް އަމަލުކުރަމުންދަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ގާނޫނާ ޚިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ. ކޮމިޝަނުން ކުރަމުންދާ ކަންކަމާ ގުޅިގެން ކޮމިޝަނުގެ މައްޗަށް މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވެސް ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ވަރަށް ބޮޑު ޚިލާފުތަކެއް އުފެދިފައިވާ ކަމަށާއި ހުރިހާވެސް މައްސަލައަކީ ވަކި ފަރާތެއްގެ އަމުރަށް ކަންކުރަން އުޅުން ކަމަށް ލަތީފް ވިދާޅުވިއެވެ.
"މިހާރު ޕީޕީއެމުގެ މަގުސަދަކީ އަވަހަށް އިންތިޚާބު ބޭއްވުމަށް ކޮމިޝަނަށް ޕްރެޝަރު ކުރުން. އެކަން އިލެކްޝަންސް ކޮމިޝަނުން އަދި ކުރެވޭނެ ގޮތް ނުވެގެން މިއުޅެނީ. އިލެކްޝަންސް ކޮމިޝަނުން ގާނޫނާއި ގަވާއިދުގެ ތެރެއަށް ރުޖޫއަވާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގޮނޑީގައި ދެމިތިބެވޭނެ" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މިހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މިކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ރައީސްގެ އަނބިކަނބަލުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަން ވެސް ފާހަގަވާ ކަމަށެވެ. ޕީޕީއެމުން އެދާއިރާގެ ކެމްޕެއިންގެ މަސައްކަތްތައް ކުރަނީ ގާނޫނުއަސާސީއާއި ގާނޫނާއި ހެދިފައި ހުރި ގަވާއިދުތަކާ ޚިލާފަށް ކަމަށް ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ