މަޢުރިކަތު ނަހުރުއް ދަމު معركة نهر الدم
الولجة ގައި ކުރެވުނު ހަނގުރާމައަށްފަހު، ދެން خالد بن الوليد رضى اللّـه عنــه، ބައިވެރިވެވަޑައިގެންނެވި ހަނގުރާމައަކީ نهر الدم ގެ ނަމުން ނަން ދެވިގެންވާ ހަނގުރާމައެވެ. މި ހަނގުރާމައަށް معركة أُليّس އޭވެސް ކިޔައެވެ.
މި ހަނގުރާމަ ހިނގަން މެދުވެރިވީ، ޢަރަބިކަރައިގެ ނަޞާރާއިން ފާރިސީންނާ އެއްބައިވެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބަސްވުމުންނެވެ. މިބައިމީހުން އެގޮތަށް އެއްބަސްވުމުން ފާރިސީންގެ ރަސްގެފާނު ވަރަށް ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފައި، أُليّس އޭ ކިޔުނު ތަނަށް ފޮނުވިއެވެ. އެތަނުގައި ޢަރަބިކަރައިގެ ނަޞާރާއިންނާއި، ފާރިސީންގެ ލަޝްކަރު މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރު ރުކުރުވާލިއެވެ.
خالد بن الوليد رضى اللّـه عنــه، އަށް މި ޚަބަރު ލިބިވަޑައިގެން އަވަސް އަވަހަށް އެބައިމީހުންނާ ދިމާއަށް ވަޑައިގެންނެވިއެވެ. ވަޑައިގެން އެބައިމީހުންނާ ވަރަށް ވަރުގަދައަށް ހަނގުރާމަ ފެއްޓެވިއެވެ. ހަނގުރާމަ ފެއްޓުމުން خالد بن الوليد رضى اللّـه عنــه، ދުޢާފުޅު ކުރެއްވިއެވެ. ”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އަޅުގަނޑުމެންނަށް ނަޞްރު ދެއްވައިފިނަމަ، ދުޝްމިނުންގެ ލެއިން މިއޮތްކޯރު ރަތްކޮށްލައްވާހުށީމެވެ.“
ދެން މުސްލިމުން ފާރިސީންނާއި ވަރަށް ވަރުގަދައަށް ހަނގުރާމަކޮށް އެބައިމީހުން ބަލިކޮށްލައިފިއެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ޢަރަބި ނަޞާރާއިންނާއި، ފާރިސީން ހައްޔަރުކޮށްފިއެވެ. ހަނގުރާމަ ނިމިގެންދިޔައީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދުޝްމަނުންގެ ލަޝްކަރުން ޤަތުލުވުމަށްފަހުއެވެ. ދުޝްމިނުންގެ ލެއިން އެތަނުގައިވާ ކޯރުގެ ފެންގަނޑު ރަތްވުމުންގެ ސަބަބުން މި ހަނގުރާމައަށް ”ލޭގެ ކޯރު“ ނުވަތަ نهر الدم ގެ ހަނގުރާމައިގެ ނަމުން ނަންދެވުނެވެ.
މި ހަނގުރާމަތަކުގެ ފޮނިކާމީޔާބީގެ ޚަބަރު ލިބިވަޑައިގެން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ވަރަށް އުފާފުޅު ކުރެއްވިއެވެ. خالد بن الوليد رضى اللّـه عنــه، ގެ ކުޅަދާނަފުޅުކަމުގެ މައްޗަށް ތާރީފު ކުރެއްވިއެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه މަދީނާގެ މުސްލިމުންނާ މުޚާތަބުކުރައްވައި، ވިދާޅުވިއެވެ. ”އޭ މުސްލިމުންނޭވެ. ތިޔަބައިމީހުންގެ ސިންގާ ޚާލިދުގެފާނު، ފާރިސީންގެ ސިންގާއާ ޙަމަލަދެއްވައި، އެ ސިންގާގެ މަސްތައްކޮށައިލައްވައި އޭގެ މައްޗަށް ގަދަކަން ހޯއްދަވައިފިއެވެ. ހަމަކަށަވަރުން ޚާލިދުފަދަ ފަހުލަވާނަކު އުފަންކުރުމަށް މިހާރުގެ އަންހެނުންތައްވަނީ ނުކުޅެދިފައެވެ.“
މައުރިކަތު ޙިޔަރާ معركة الحيرة
އިސްވެދެންނެވުނު، ހަނގުރާމަ ނިންމަވައިލެއްވުމަށްފަހު، ދެން خالد بن الوليد رضى اللّـه عنــه، މިސްރާބު ޖެއްސެވީحيرة އޭ ކިޔުނު ރަށާ ދިމާއަށެވެ. މި ހަނގުރާމައަށް މުސްލިމުން ދިޔައީ ކަނޑުމަގުން ނާފަހަރުތަކުގައެވެ. މި ޚަބަރު ދުޝްމިނުންނަށް ލިބުމުން އެބައިމީހުން އެކިދިމަދިމާލުން ހަދާފައިވާ ޑޭމްތަކާއި ފާލަންތައް ބައްދާލީއެވެ. މިކަމުގެ ސަބަބުން خالد بن الوليد رضى اللّـه عنــه، އަށް ޖެހިވަޑައިގެންނެވީ حيرة އާ ކައިރިއަށް ވަޑައިނުގެން ކަނޑުގައި ނާފަހަރުތައް ބަނދަރު ކުރައްވާށެވެ.
މި ދަތި ދަނޑިވަޅުގައިވެސް خالد بن الوليد رضى اللّـه عنــه، ވަރަށް ހަމަޖެހިވަޑައިގެން ނުހަނު ޙިކުމަތްތެރިކަމާއެކު ގޮތެއް ނިންމެވިއެވެ. އެއީ، ފާލަންތަކާއި ޑޭމްތައް ބަލަހައްޓަމުން ގެންދިޔަ ދުޝްމިނުންނާ ޙަމަލަދެއްވުމަށެވެ. އެ މަޤްޞަދުގައި، خالد بن الوليد رضى اللّـه عنــه، މުސްލިމު ސިފައިންގެ ޔުނިޓަކާއެކު ވަޑައިގެން ފާލަންތަކާއި ޑޭމްތައް ބަލަހައްޓަމުން ގެންދިޔަ ދުޝްމިނުންނާ ޙަމަލަދެއްވިއެވެ. އަދި އެބައިމީހުން ޤަތުލުކުރެއްވިއެވެ.
ދެން، ޑޭމްތައް ބެހެލެހެއްޓުމަށް މުސްލިމު ސިފައިން ބައިތިއްބުވައި، ޑޭމްތަކުން ފެންހިނގާނެ ގޮތް ހެއްދެވިއެވެ. ދެން ނާފަހަރުތައް حيرة އާ ގާތްކޮށް، މުސްލިމުންގެ ލަޝްކަރު އެތަނަށް ފޭބިއިރު ދުޝްމިނުންތިބީ، ބޮޑު ކިއްލާއެއްގެ ހިމާޔަތް ހޯދައިގެންނެވެ. خالد بن الوليد رضى اللّـه عنــه، އެބައިމީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ފާރިސީ މީހުން އެތަނުގައި ތިބެގެން މުސްލިމު މުޖާހިދުނާ ދިމާއަށް ކުދިކުދި ހިލަކޮޅުކޮޅު އުކައި ދެކޮޅުވެރިކަން ފާޅު ކުރިއެވެ. މުސްލިމުން އެބައިމީހުންނަށް ރައްދު ދިނީ ދުނިދަނޑި އުއްކަވައިގެންނެވެ. އެގޮތުން ފާރިސީންނަށް މުސްލިމުން ބަލިނުވާނެކަން އެނގުމުން އަމާންދީ ޖިޒީދީގެން ތިބުމަށް އެއްބަސްވެއްޖެއެވެ.
އެތަނުން ކޮންމެ ކިއްލާއެއްގެ ބޮޑުން ނިކުމެ خالد بن الوليد رضى اللّـه عنــه، އާ ބައްދަލުކުރެއްވިއެވެ. އެބައިމީހުންނާ ވާހަކަދައްކައި އެއްބަސްވެވުނު ގޮތަކީ، އަހަރުން އަހަރަށް ޖިޒީދެއްކުމެވެ. އެއީ އަހަރަކު 190،000 ދިރުހަމެވެ. އެއީ، އެބައިމީހުންގެ ދީނުގައި އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރިކަމެއްނެތި ތިބެވޭނެ ގޮތަށެވެ. އެބައިމީހުންނަށް މުސްލިމު ދައުލަތުގެ ފަރާތުން ޙިމާޔަތް ލިބޭނެކަމުގެ އެއްބަސްވުމެއްވެސް އެތަނުގައި ކުރެވިގެން ދިޔައެވެ. އެއީ، މުސްލިމުން އެބައިމީހުން ޙިމާޔަތްކުރުމުން ނުކުޅެދިއްޖެނަމަ، އެ އެއްބަސްވުން ބާތިލުވާނެ ގޮތުގެ މަތިންނެވެ. ހަމައެއާއެކު حيرة ގެ މީހުންގެ ފަރާތުން އެއްވެސް ކަހަލަ މަކަރުވެރިކަމެއް ފާޅުވެއްޖެނަމަވެސް އެ އެއްބަސްވުން ބާތިލުވާ ގޮތަށެވެ. މި އެގްރިމެންޓް ލިޔެވުނީ ހިޖުރައިން 12 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ ތެރޭގައެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 580-576}
އަލް އަންބާރު ފަތަޙަ ކުރެއްވުން
ކުރީން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަންވައިފައިވަނީ، خالد بن الوليد رضى اللّـه عنــه، އާއި، عياض بن غنم رضى اللّـه عنــه، އާ ދެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވާދަޖައްސަވައި، އެންމެ ފުރަތަމަ حيرة އަށް ގޮސް އެތަން ފަތަޙަ ކުރެވެނީ ކޮން ބޭކަލަކަށްތޯ ބެއްލެވުމަށެވެ. خالد بن الوليد رضى اللّـه عنــه، ޢިރާޤުކަރަ ފަތަޙަ ކުރައްވަމުން ވަޑައިގެންނެވީ، ޢިރާޤުގެ ދެކުނު ކޮޅުންނެވެ. عياض بن غنم رضى اللّـه عنــه، ވަޑައިގެންނެވީ އުތުރު ކޮޅުންނެވެ. ކަންތައްދިމާކުރޮގޮތުން އެންމެ ފުރަތަމަ حيرة އަށް ގޮސް އެތަން ފަތަޙަ ކުރެވެނީ خالد بن الوليد رضى اللّـه عنــه އަށެވެ.
އޭރު عياض بن غنم رضى اللّـه عنــه، ހުންނެވީ ދޫމަތުލް ޖަންދަލުގައެވެ. އެތަން ފަތަޙަ ކުރުމަށް އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެން ގޮންޖެހުންތައް ޙައްލުކޮށްދެއްވައި، އެކަލޭގެފާނަށް އެހީތެރިކަމުގެ އަތްޕުޅެއް ފޯރުކޮށްދެއްވުމަށްޓަކައި، خالد بن الوليد رضى اللّـه عنــه މިސްރާބު ޖެއްސެވިއެވެ. އެކަލޭގެފާނު ވަޑައިގެން މަގުމަތީގައި، އަލްއަންބާރުގެ ދުޝްމަނުން މުސްލިމުންގެ ލަޝްކަރާ ހުރަހޮޅިގެންފިއެވެ. ދެން خالد بن الوليد رضى اللّـه عنــه ނިންމެވީ އެބައިމީހުން މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.
މިބައިމީހުން އުޅުނީ އިސްލާމީ ލަޝްކަރަށް ދަތިކުރުމަށްޓަކައި އެބައިމީހުންގެ ރަށަށް ނޭރޭނެހެން ޚަންދަޤެއްވެސް ކޮނެގެންނެވެ. ދެން، خالد بن الوليد رضى اللّـه عنــه އެންގެވީ މުސްލިމުންގެ ލަޝްކަރުގައިވާ ވަރުދެރަ ނިކަމެތި ޖަމަލުތައް ލަތިލައްވައި، ޚަންދަޤު ގެ ތިލަ ހިސާބުތަކަށް އެޅުމަށެވެ. މިގޮތަށް ކަންތައްކުރުމުން ޚަންދަޤު ގެ ތިލަ ހިސާބުތަކުން މީސްތަކުންނަށް ހުރަސް ކުރެވޭގޮތްވެއްޖެއެވެ. މުސްލިމުންގެ ލަޝްކަރު ޚަންދަޤު ހުރަސްކޮށް އަންނަތަން ފެނުމުން ދުޝްމިނުންގެ މީސްތަކުން ގޮސް އެބައިމީހުންގެ ބޮޑެތި ބޮޑެތި ކިއްލާތަކުގައި ފިލައި ރައްކައުތެރިވެގެން ތިބެއްޖެއެވެ.
މުސްލިމުން އައިސް އެބައިމީހުންގެ ކިއްލާތައް ވަށާލުމުން އެބައިމީހުންގެ ވެރިއަކަށް ހުރި ޝިރުޒާދަށް ހަތިޔާރު ބަހައްޓައި އަމާންދޭން މަޖުބޫރުވެއްޖެއެވެ. އޭނާ އަންބާރުން އެއްވެސް މުދަލެއްނެތި ހަމައެކަނި އަސްވާރުން ކޮޅަކާއި އެކު ނިކުތުމަށް އެދުމުން، އެ ހުއްދަ خالد بن الوليد رضى اللّـه عنــه އޭނާއަށް ދެއްވިއެވެ.{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 589-588}….ނުނިމޭ….
ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު: އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު 06
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ